މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުސުއޫދު، އަހުމަދު ރިޟްވާން ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަރުވައިފި އެވެ.

މި ރިޕޯޓު މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ހިއްސާ ކުރައްވާފައެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރު ކުރި ތަހުގީގު ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ރިޟްވާނުގެ މައްސަލާގައި މަރު ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ ތަހުގީގުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް އިއްޔެ ވަނީ ނޫސްވެރިންނާ، އެ ކޮމިޝަނުގެ ފަރާތުން ހިއްސާކޮށްފައެވެ. އެގޮތުން ރިޟްވާން މަރާލާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ. މަރު ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވީ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގައި އަޅާފައި އޮތް ޑިންގީ އަކަށް ކަމަށެވެ. އަދި އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާ، އޭނާ މަރާލީ ކުފުރު ވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރާލުމަށް ފަހު ގައިގައި ދާ އޮޅުމަށްފަހު ކަނޑުފައްތާފައި ވާ ކަމަށް އިންޓެލް މައުލޫމާތު ލިބިފައި ވާކަމަށް ސުއޫދު ވިދާޅުވިއެވެ.

މި މައްސަލާގައި އެ ކުށުގައި ބައިވެރިވި ފަރާތްތަކަށް ދައުވާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މަރުގެ މައްސަލަތައް ބަލަމުންދާ ކޮމިޝަނާއެކު މަސައްކަތް ފަށާފައިވާ ޕީޖީން ވަނީ ފަށާފައެވެ.

ޕީޖީ އޮފީހުން ބުނީ ރިޟްވާނުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނާއެކު "ވޯކިން" ލެވަލެއްގައި މިއަދު މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މައްސަލަ ރަސްމީކޮށް ޕީޖީ އޮފީހަށް ހުށަހެޅުމުން އިންސާފު ގާއިމު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމުގެ ޔަގީންކަން ޕީޖީން ވަނީ ދީފައެވެ.