"ދޮންބޭބެ އާއި ދައްތަ، ގުރޭ ކޮއްކޮ އަދި އީރައްކޮ ޖަނާޒާގެ ކަންކަން ވަރަށް ކެތްތެރިކަމާ އެކު ކޮށްދެވޭތޯ ބަލައިފީމެވެ. އެކަމު އަހަރެންގެ ހިތް ފަޅައިގެން ދާހާ ވެއެެވެ. މިއީ ގަދަފަދަ ވޭނެކެވެ. ބޮޑު އިމްތިހާނެކެވެ. އިންޝާ ﷲ ދޮންބޭބެ މެންނާ ދެން އަހަރެން ބައްދަލުވާނީ ސުވަރުގެއިންނެވެ."

މިއީ މިދިޔަ ބުރާސްފަތި ދުވަހު ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދުއަށް ދިޔަ މަގުމަތީގައި ލޯންޗެއް ބަންޑުން ޖަހާލައި ނިޔާވި އެއް އާއިލާގެ ހަތަރު މީހުންގެ ތެރެއިން ބޮޑު ޓީޗަރު (ހުސެން އަބްދުﷲ) އަށް ބޮޑު ބޭބެ (ދޮންބޭބެ) ކިޔާ އަބްދުﷲ ވަހީދު ލިޔުނު އަސަރުގަދަ ވާހަކަ ނިންމާލި ގޮތެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި އެއް އާއިލާގެ ހަތަރު މީހުންނަކީ އަބްދުﷲ ވަހީދު (ބޮޑު ޓީޗަރު) އޭނާގެ އަންހެނުންނާއި، އަންހެން ދަރިފުޅާއި ކާފަ ދަރިފުޅެވެ. ދެން ނިޔާވި އަންހެން މީހާ އަކީވެސް އެ އާއިލާއާ ގާތް މީހެކެވެ. އެ ހިތާމަވެރި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައިވެސް ބޮޑު ޓީޗަރު އާއިލާއާ ގާތް މީހުން ހިމެނެއެވެ.

ބޮޑު ޓީޗަރު (ވ) އަށް ބޮޑުބޭބެ (ދޮންބެ) ކިޔާ އަބްދުﷲ ވަހީދު

އަބްދުﷲ ވަހީދު ކުރި އަސަރުގަދަ ޕޯސްޓުގައި ބުނެފައިވަނީ ދޮންބޭބެ (ބޮޑު ޓީޗަރު) އަކީ އޭނާގެ ބައްޕަ ކަމަށެވެ. (ބައްޕަ ފަދަ މީހެއް ކަމަށް ބުނެދޭން ބޭނުން ކޮށްފައި އޮތް ލަފްޒުތަކެއް) އަދި މުޅި އެ އާއިލާގެ ވެސް ބައްޕަ ކަމަށާ، އޭނާއަށް އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ހިމާޔަތާއި އޯގާތެރިކަން ދިން ދެ އަތަކީ (ބޮޑު ޓީޗަރު) ކަމަށެވެ. އަދި އޭނާ އެދުނު ކޮންމެ ކަމެއް، އެއްވެސް ޝަކުވާއަކާ ނުލާ ކޮށްދޭ ފަރާތަކީ އެއީ ކަމަށާ، ދިރިއުޅުމުގެ ހުރިހާ ކަމެއް އުނގަންނައި ދިން މުދައްރިސަކީ ވެސް އަދި ދިރިއުޅުމުގެ ކަންކަމުގައި ލަފާ އަހާ މޭސްތިރިއަކީ ވެސް (ބޮޑު ޓީޗަރު) ކަމަށެވެ.

"ދޮންބޭބެ ކުރާ މުހިއްމު ހުރިހާ ކަމެއް އަހަރެންނާާ ހަވާލު ކުރެއޭ. އަދި އެކަން ކަމާއި އަހަރެން ހަވާލުވަނީ ނުހަނު އުފަލާއިއެކުއޭ. އާއިލާގެ އެންމެންދެކެ އިންތިހާއަށް ދޮންބޭބެ ލޯބިވާކަން އެނގެއޭ. އެކަމުވެސް ދޮންބޭބެ ކުރާ ކަންކަން ބަލަން އަބަދުވެސް އަހަރެންނާާ ހަވާލު ކުރެއޭ،"

ވަހީދަކީ ހަރުދަނާ މީހަކަށް ހެދުމަށް (ބޮޑު ޓީޗަރު) ކުރި މަސައްކަތް ފާހަގަ ކުރަމުން އޭނާ، (ބޮޑު ޓީޗަރު) ފަތިހު ފުރަން އޮތް ނަމަވެސް، މި ހާދިސާގައި ނިޔާވި އޭނާގެ ދެބައިންގެ ދެ ދަރި ގުރޭ މެންނާ އެކު ހަނިމާދުއަށް ދިއުމަށް މަޑުކުރި ކަމަށް ބުނެފައި ވެއެވެ. އަދި އެ ދަތުރުގައި ދިއުމަށް އެދުނު ނަމަވެސް، މަޑުކުރަން ބުނުމުން އެއްވެސް ނިންމުމަކާ ދެކޮޅު ނުހަދަން ރަށުގައި މަޑުކުރީ ކަމަށް ބުނެފައިވެއެވެ.

"ގުރޭ ކޮއްކޮ އާއި ގިޔާސް ކޮއްކޮ އުޅޭ ނޫޅޭގޮތް ބަލާއި ދޭން އަބަދުވެސް އަހަރެން ކައިރި ކިޔަމު ނޫންހޭ. އެރޭވެސް ދޮންބެ ފަތިހު ހަނިމާދޫ އަށް ދާންށޭ މިއުޅެނީ، ގުރޭ ކޮއްކޮމެން ގޮވައިގެން ހަނިމާދޫއަށް ދާން ބުނީމު ނޫންހޭ. އެކަމު ދޮންބޭބެ ފަތިހު ނުގޮސް ގުރޭ ކޮއްކޮމެންނާއެކި ދާން މަޑުކުރީ، ދައްތަ އާއި ގުރޭކޮއްކޮ އަދި އީރާއްކޮ ގޮވައިގެން ﷲ ޙަޟްރަތަށްދާ ދަތުރު ކަމުގައި އަހަރެން ހިއެއް ނުކުރަމޭ. އެދަތުރުގަވެސް އަހަރެން ދޮންބޭބެ އާއިއެކު ދިއުމަށް އެދުނީމު ނޫންހޭ. އެކަމު ދޮންބޭބެ އެއްވެސް ނިންމުމަކާ ދެކޮޅު ހަދާފަ ނެތީމަ، ދޮންބޭބެ އެދުމުގެ މަތިން އަހަރެން ނުގޮސް މަޑު ކުރީ ނޫންހޭ،"

ވަހީދު ބުނެފައިވަނީ އެ ދަތުރަކީ ދޮންބޭބެގެ ފަހު ދަތުރުކަން އެނގޭނަމަ ޔަގީނުން ވެސް އޭނާ ދޮންބޭބެ އާ އެކު ދާނެ ކަމަށެވެ. އަދި ދޮންބޭބެ ފުރީ ގޭގެ ހުރިހާކަމެއް އޭނާއާ ބަލަން ހަވާލުކޮށްފައި ކަމާއި، ދޮންބެ ނެތީމައި އޭނާ ވަރަށް އެކަނި ވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ދޮންބެ ނެތީމައި މާޔޫސް ވިޔަސް ދޮންބޭބެ ދިން ތަރުބިއްޔަތުން، ދޮންބޭބެ ފަހުރުވެރި ވާފަަދަ ދަރިޔަކަށް ވާނެކަމަށް ބުނެފައި ވެއެވެ.

https://www.facebook.com/waheed.abdulla/posts/10220078357652845

ވަހީދު ވަނީ މި ފަނާވެނިވި ދުނިޔެ ދޫކޮށް ދިޔަ އޭނާގެ ދޮންބެ ދައްތައަށް ރައްދުވާ ގޮތަށް ވެސް ވަރުގަދަ މެސެޖެއް ދީފައެވެ. ވަހީދު ބުނެފައި ވަނީ އޭނާ އަބަދުވެސް ދޮންބޭބެގެ ކަަަންކަމުގައި އުޅޭ ކަމާއި، ދައްތަ ކައްކާ މީރު ކާ އެއްޗިހި ނުކާތީ، ދެރަވެގެން އޭނާ ކައިރީ ބުނާ ވާހަކައެވެ. ވަހީދު ބުނެފައިވަނީ "އާނއެކޭ ދައްތަ ކައްކާ ކާ އެއްޗިހި އަހަރެންނަށް ވަރަށް މީރޭ. ދައްތަ ކައްކާ ކާ އެއްޗިހި ދޮންބޭބެ އާ އެއް ސުފުރާގަ ކަނީ ނުހަނު އުފަލާ އެކު އޭ. ދައްތާ އޭ. ދައްތަގެ ހިކިމަހު ކުޅިމަހަކީ އަހަރެންނަން އެންމެ މީރު ކެއުމޭ. އިންޝާ ﷲ ދެން އަހަރެން ދައްތަ އާ ބައްދަލުވާނީ ސުވަރުގެއިން،" ކަމަށެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ގުރޭޝާ އަދި އޭނާ ފަސް އަހަރުގެ ދަރިފުޅު އީރާ އަކީ ވަހީދު އެންމެ ލޯބިވާ ދެމީހުންނެވެ. ވަހީދު ވަނީ އޭނާގެ ހިތުގެ އުދާސްތައް އެ ދެމީހުންނަށްޓަކައި ބަންޑުން ކޮށްލާފައެވެ.

"ލޯބިވާ ގުރޭ ކޮއްކޮ އަދި ކުޑަބޭބެގެ އީރައްކޮ އޭ. ގުރޭކޮއްކޮ ބޭނުންވި ހުރިހާކަމެއް ކުޑަބޭބެ ކޮށްދިނީ ވަރަށް ލޯބިންނޭ. ކުޑަބޭބެއަށް މާފު ކުރާށޭ. ކަނޑު ގަދަވެ ވިއްސާރަ ވީމަ ކުޑަބޭބެ ކައިރި ވަރަށް ޝަކުވާ ކުރީމު ނޫންހޭ. އެކަމު މޫސުމް އެހެން އޮތަސް ދެވޭނެ ނޫންހޭ، ކުޑަބޭބެ ބުނީ ކުޑަކޮށްވެސް މިފަދަ ކަމަކަށް އިންތިޒާރު ކޮށްގެންނެތް ނޫނޭ. އީރައްކޮ ހަޔާތުގެ ފަހު ދެދުވަހު ކުޑަބޭބެ ގައިގަ ވަރަށް ލޯބިން ބައްދާލާ ސައިކަލް ދުއްވަންދާނީ ކުޑަބޭބެ އާ އެއްކޮންނޭ ބުނީމު ނޫންހޭ. ނުހަނު އުފަލާއިއެކު އީރައްކޮއަށް އެކަން ކޮށްދިނީމު ނޫންހޭ. އެކަމު އީރައްކޮ ތި ވަކިވީ ކުޑަބޭބެ ހިތް ފަޅާލަފަ،"

ވަހީދުގެ އަސަރުން ފުރިގެންވާ ވާހަކަ ނިންމާލަމުން ބުނެފައި ވަނީ ދޮންބެ ދައްތަ އޭނަ ކައިރީ ބުނާ ފަދައިން ދޮންބޭބެގެ ހުރިހާ ކަމެއް އޭނާއަށް ވީ އެންމެ ފުރިހަމަ އަކަށް ކޮށްދިން ކަމަށެވެ. އަދި ދޮންބޭބެ އާ ދައްތަ، ގުރޭކޮއްކޮ އަދި އީރައްކޮ ޖަނާޒާގެ ކަންކަން ވަރަށް ކެތްތެރިކަމާ އެކު ކޮށްދެވޭތޯ ބެލި ކަމަށާ، އެކަމަކު އޭނާގެ ހިތް ފަޅައިގެންދާ ކަމަށް ވަހީދު ބުނެފައި ވެއެވެ. "މިއީ ގަދަފަދަ ވޭނެކޭ. ބޮޑު އިމްތިހާނެކޭ. އިންޝާ ﷲ ދޮންބޭބެ މެންނާ ދެން އަހަރެން ބައްދަލު ވާނީ ސުވަރުގެއިންނޭ،" ވަހީދު ބުނެފައި ވެއެވެ.