ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގުން އެނގުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅެއް (ބައިވެރިވުމެއް) އެކަމުގައި ނުވާކަން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ހާމަ ކުރީ ސާބިތު ނުހިފޭ މައުލޫމާތުތައް ކަމަށެވެ.

ޕީޕީއެމުން ބުނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާންގެ ތަހުގީގަށް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ނުފޫޒު ފޯރުއްވާފައިވާ ކަމަށް ބުނެފައި ވާއިރު، އެ ކޮމިޝަނުން އިއްޔެ އާންމު ކުރި މައުލޫމާތު ތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ފުލުހުން ތަހުގީގުކޮށް ހޯދާފައިވާ މައުލޫމާތު ތަކެއް ކަމަށެވެ.

އަދި ނޫސް ކޮންފަރެންސްގައި ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބުނި މީހުންނަކީ، މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ތަހުގީގުތަކުން ލިބުނު މައުލޫމާތު ތަކަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާ ކޮށްފައިވާ މީހުންކަމަށެވެ.

"ރިޟްވާނު ގެއްލުވާލުމާ، ރައީސް ޔާމީނާ ގުޅުވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން އެތައް އަހަރެއް ވަންދެން ދައްކަމުން އައީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާނުގެ މަރާއި، ރައީސް ޔާމީންއާ އަދި އެމަނިކުފާނުގެ ސަރުކާރާ ވެސް ގުޅުމެއް ނެތްކަން މިވަނީ ރައްޔިތުންނަށް ހާމަވެފައެވެ،"
ޕީޕީއެމް

ޕީޕީއެމުން ބުނީ މިގޮތަށް މިކަންތައްތައް ހިނގާފައި ވާއިރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ބަދުނާމު ވާގޮތަށް ހުރިހާ ވާހަކައެއް ދައްކާފައި ވާކަމާ، މިކަމާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރާފައިވާ ފަރާތްތައް އޭރުގައި ދައްކާފައި ވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަ ތަކެއްކަން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާމަ ނުކުރައްވައި ހުންނެވުމަކީ ހޯމް މިނިސްޓަރުގެ ނިޔަތާ މެދު ދިވެހިރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަން ވެސް ޕީޕީއެމުން ފާހަގަ ކޮށްފައިިވެއެވެ.

ޕީޕީއެމުން ވަނީ މަރުތައް ބަލާ ކޮމިޝަނުން ކުރީ 'ނާތަހުޒީބީ ބުހުތާނުގެ އަމަލު' ތަކެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރު ނުކުރުމަށް ސަރުކާރަށާއި، މުއައްސަސާތަކަށް ޕީޕީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.