މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރަޢީސް އަހުމަދު އަދީބުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރުމަށް ނިންމައިފިއެވެ.

ރިޟްވާން ގެއްލުވާލި މައްސަލައާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، މަރު ކޮމިޝަނަށް ލިބިފައިވާ ހެކިތަކަށް ބިނާކޮށް، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އަދީބާއި، ދެ އިންޓެލް އޮފިސަރެއްގެ މައްޗަށް ކުރުމާ ގުޅޭ ގޮތުން ޕީޖީއާ މަޝްވަރާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އަދީބާއި ދެ އިންޓެލް އޮފިސަރުންނަށް ރިޟްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް މަރު ކޮމިޝަނުން ނިންމާފައި ވާއިރު، އަދީބު ވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މަޝްވަރާކުރައްވައި ރިޟްވާންގެ މައްސަލާގައި ހިމެނޭ މީހަކު ކޯޓުން ދޫކޮށްލުމުގައި މަސައްކަތް ކުރައްވާފައި ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ރިޟްވާން މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ، ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން އަދީބުގެ އިތުރުން ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި، ޕޮލިސް އިންޓެލްގެ ދެ މީހަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާ ބައްދަލުކޮށް އެކަމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ހަސަން އަލީ ބަޔާން ދެއްވާފައި ވާއިރު، ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ކަން ހާމަ ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ކޮޕީއެއް ހޯދުމަށް އަދީބު މަސައްކަތް ކުރެއްވި ކަމަށް ސުއޫދު ވިދާޅުވިއެވެ.