ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ތަހުގީގު ޑައިވާޓްކުރަން (މިސްރާބު ބަދަލު ކުރަން) ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާފައިވާ ކަން ހާމަ ވެއްޖެއެވެ.

ތަހުގީގަށް ހުރަސް އެޅުމުގެ ގޮތުން، ރައީސް ޔާމީން ވަނީ ފަންޑިތަ ހައްދަވައި، ރިޟްވާން ހޯއްދަވަން ކަމަށް ވިދާޅުވެ މާފަންނު ގެއަކަށާއި ވިލިމާލެ އަށް ދަންވަރު ވަގުތު ފުލުހުން ފޮނުއްވާފައި ކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވިއެވ. ނަމަވެސް ރިޟްވާނުގެ މަރާ ރައީސް ޔާމީނާ ގުޅުމެއް އޮތް ނެތް ކަމަށް ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ގެއްލިގެން ކުރި ތަހުގީގު ޑައިވާޓް ކުރައްވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށާ، ކާހިނުންނާއި ފާލު ބަލާ މީހުން ބޭނުން ކުރައްވައިފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށާ، ސަބަބަކީ ރިޟްވާން މަރާލުމުގައި އަދި ގެއްލުވާލުމުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައި ނުވާކަން ހާމަވާތީ ކަމަށެވެ.

ރިޟްވާން ގެއްލުވާލި މަައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އެމަނިކުފާނު ގެންދެވީ އޭރުވެސް އެ ތުހުމަތުތައް އިންކާރު ކުރައްވަމުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރިޟްވާން ނިޔާވެފައިވާ ކަމަށާ އެކަމުގައި މިހާރު (އޭރު) ޝައްކެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ. އެއީ ރިޟްވާންގެ މައްސަލައިގައި އެއިރުގެ ސަރުކާރުން ކަމެއް ހާމަކުރި ފުރަތަމަ ފަހަރެވެ.

ނަމަވެސް އޭގެ ކުރިން ޔާމީންގެ ދެވަނަ ނައިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބު ވަނީ ރިޟްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ހުއްޓުވީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވެ، ޔާމީނަށް ތުހުމަތުތަކެއް ކުރައްވާފައެވެ.