ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރުމާ ބެހޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ 167 ވަނަ މާއްދާގެ ދަށުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އުމަރު ހުށަހެޅުއްވި މި ގަރާރަކީ ކަނޑުދަތުރު ކުރުމުގައި، ސަލާމަތާއި ރައްކާތެރިކަން ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި، ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރުމަށްޓަކައި ހުށަހަޅައިފައިވާ ގަރާރެކެވެ.
މި ގަރާރުގައި ރާއްޖޭގެ ކަނޑު ދަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން، އޮޑިވެރިންނާއި ކެޔޮޅުންނާއި ކައްޕިތާނުންނާއި ކަލާސީންނާއި ދަތުރުކުރާ މީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރު ކުރުމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ދަތުރު ކުރާއިރު އަބަދުވެސް ލައިފްޖެކެޓް އެޅުން ލާޒިމް ކުރުމަށާއި ޔެލޯ އެލާޓް ނެރެފައި ވަނިކޮށް މަރުފުރުނު ކަމެއްގައި މެނުވީ ދަތުރުފަތުރު ނުކުރުން ފަދަ ކަންކަން ކުރުމަށް ވެސް މި ގަރާރުން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ބޭނުންކުރާ އުޅަނދުފަހަރު ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާ މިންވަރަށް ނުބެލުމުން އަދި ދަތުރުފަތުރު ކުރުމުގައިި ސަމާލުކަން ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވާ ލަފައާއި އިރުޝާދާއި އިންޒާރަށް ބެލުމެއް ނެތިި ދަތުރުފަތުރު ކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދުފަހަރު ޣަރަގުވުން ފަދަ ހިތާމަވެރި ކަންކަން ރާއްޖޭގައި ދަނީ ހިނގަމުންދާ ކަން މި ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލަމުން މިގަރާރުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާއަށް އަލިއަޅުވާލާފައެވެ. އެގޮތުން އެ ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެގައި ހިމެނޭ ނޮޅިވަރަމްފަރުގެ ފަހުރުވެރި މުދައްރިސް، ހުސެއިން އަބްދުﷲގެ ދެމަފިރިންނާއި އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާއާއި އޭނާގެ 3 އަހަރުގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި އެރަށު ވީނަސް، އައިޝަތު އަލީ ޣަރަގު ވުމުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް މި ގަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.