ސިނަމާލެ ބްރިޖަށް އެއް އަހަރު ވުމުގެ މުނާސަބަތުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވައިފިއެވެ.

ސިނަމާކެ ބްރިޖަށް އެއް އަހަރު ވުމުގު މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށާއި ރައީސް ޔާމީނަށް މަރުހަބާ ދަންނަވަމުން މުއިއްޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ ދިވެހިންގެ ތަރައްގީގެ މަގުތައް ހުޅުވައިދެއްވި، ދުރުވިސްނި ވަޑައިގަންނަވާ، ރާއްޖެއަށް ތަރައްގީގެ އިގިލާބެއް ގެނެސްދެއްވީ ރައީސް ޔާމީނު ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސިނަމާލެ ބުރިޖް ބޭނުން ކުރާތާ އެއް އަހަރު ވުމާ ގުޅިގެން ބްރިޖްގެ އަހަރީ އިންސްޕެކްޝަން ހެދުމަށްޓަކައި މިއަދާއި މާދަމާގެ ބައެއް ވަގުތު ތަކުގައި މާލެއިން ހުޅުމާލެ އަދި ހުޅުލެއަށް ދާން އޮންނަ ފަޅީގެ ދެ ލޭން ބަންދު ކުރުމަށް ނިންމާފައެވެ.

ބުރިޖް ބަންދު ކުރެވޭ ވަގުތުތަކުގައި ހުޅުލެ އަދި ހުޅުމާލެއިން މާލެއަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ދެލޭނުން ދުއްވާ ގޮތަށް ހަމަޖައްސާފައި ވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އިންސްޕެކްޝަނަށް ބުރިޖް ބަންދުކުރާ ގަޑިތައް:

  • އޮގަސްޓް 30 (ހުކުރު) – ހެނދުނު 8:00 އިން މެންދުރު 2:00 އަށް
  • އޮގަސްޓް 31 (ހޮނިހިރު) - ހެނދުނު 8:00 އިން މެންދުރު 2:00 އަށް
  • ސެޕްޓެމްބަރު 6 (ހުކުރު) - ހެނދުނު 8:00 އިން މެންދުރު 2:00 އަށް

ކުލަގަދަ ރަސްމިއްޔާތަކާއެކު، ސިނަމާލެ ބްްރިޖް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުުވަހު، ރައީސް ޔާމީނެވެ.