އިންޑިއާގެ މައި ބަނދަރުތަކެއް ކުށްލި ހާލަތަށް ގެނެސްފިއެވެ.

އެލާޓަށް ގެނެސްފައިވަނީ އަދާނީ ޕޯޓްސްއާއި ސްޕެޝަލް އިކޮނޮމިކް ޒޯން ލިމިޓަޑުން ހިންގާ ދަ މަންޑްރާ ޕޯޓްއާއި، ދައުލަތުން ހިންގާ ކަންޑްލާ ޕޯޓްއެވެ.

މި ބަނދަރުތައް އެލާޓަށް ގެނެސްފައިވަނީ ބަނދަރުތަކަށް ކަނޑުއަޑިން ހަމަލާދިނުމަށް، ޕާކިސްތާނުން ތަމްރީނުކުރި ހަނގުރާމަވެރިންތަކެއް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާކަމަށް އިންޑިއާގެ ޖާސޫސީ އޮފިޝަލުންނާ ކޯސްޓްގާޑުން ދިން އިންޒާރާ ގުޅިގެންނެވެ.

މި ސަރަހައްދުގައި އޮޕަރޭޓްކުރާ ހުރިހާ ބޯޓުފަހަރާ، އެ ބޯޓުފަހަރުގެ ފަޅުވެރިންވެސް ވީހާވެސް ބޮޑަކަށް ފާރަވެރި ތިބުމަށް ބަނދަރުގެ އޮފިޝަލުންވަނީ އިލްތިމާސްކުރައްވާފައެވެ.

ޖާސޫސީ އޮފިޝަލުން އާންމުކުރައްވާފައިވާ މައުލޫމާތުގައިވާ ގޮތުން ޕާކިސްތާނުން ތަމްރީނު ހޯދާފައިވާ ހަނގުރާމަވެރިންވަނީ އިންޑިއާގެ ހުޅަނގު އައްސޭރި ފަށުގެ ސަރަހައްދުން، ގަލްފް އޮފް ކުޗްއަށް އެތެރެވެފައެވެ.

ކަނޑުގެއަޑިން އިންޑިއާއަށް ހަމަލާ ދިނުމަށް ޕާކިސްތާނުން ބަޔަކު ތަމްރީނު ކުރަމުން އަންކަމުގެ ތުހުމަތުތަކެއް އިންޑިއާއިން މީގެ ކުރިންވެސް ވަނީ ފެންމަތިކޮށްފައެވެ. އަދި ހަނގުރާމަވެރިންތަކެއް އެގައުމަށް އެތެރެވެއްޖެ ކަމަށް ބުނެ، އިންޑިއާގެ 2 ސްޓޭޓެއްވެސް މީގެ ކުރިންވަނީ އެލާޓަށް ގެނެސްފައެވެ.