މަލިކު ހިނަވާގޯތި ދޮން ހަސަނު އާއިލާއަށް ނިސްބަތްވާ ދޮންތަކުރު އަބްދުﷲ ގެ 12 ބެއިން ތިބެއެވެ. އޭގެ ތެރެއިން އިއްޔެ އާ ހަމައަށް ތިބީ ހަސަން ވަހީދު އަބްދުﷲ، މަރުހޫމް ހުސެއިން އަބްދުﷲ އަދި ހަސީނާ އަބްދުﷲ އެވެ.

ހދ ނޮޅިވަރަމްފަރު އަހިމާގެ އަށް ނިސްބަތްވާ އެއާއިލާއަކީ މިހާރުގެ މަޝްހޫރު ނަމުން ނަމަ ބޮޑު ޓީޗަރު އާއިލާއެވެ. އެއާއިލާ އަކީ އާންމުންގެ ގަދަރު ލިބިފައި އޮތް އާއިލާއެކެވެ. އިއްޔެގެ ހާދިސާގައި ނިޔާވި ހުސެން އަބްދުﷲ އަކީ ނޮޅިވަރަމްފަރު ސްކޫލުގައި 35 އަހަރު ހިދުމަތް ކުރި ތަޖުރިބާކާރު ޓީޗަރެކެވެ.

އިއްޔެގެ ހާދިސާއާ ގުޅިގެން އާއިލާގެ އެންމެ ދޮށީ ހަސަން ވަހީދު (ހަސަން ވަހީދު އަބްދުﷲ) ބުނީ އޭނާއަށް އިއްޔެގެ ހާދިސާ އެނގުނީ ކޮއްކޮމެން މާލެ އަންނަ ވާހަކަ ބުނެ ހަބަރެއް ނުވެގެން އެކި މީސް މީހުނަށް ގުޅާ ބަލަނިކޮށް ކަމަށެވެ.

"މެންދުރު ނަމާދަށް ހުއްޓާ ކަނާއަތް ތޮޅޭވަރުން ނުހުރެވިގެން ފައިބައިގެން ދިޔައީ ގެއަށް، ގެއަށް ވަނީމަ ހުސޭނުގެ ދަރިފުޅު ބުނި ބައްޕައަކާ ނުގުޅުނޭ، އެކެއްވެސް ޖަހައިފިއޭ. ލޯންޗުގެ އެކަކާވެސް ނުގުޅުނޭ. ދެން އެސޮރު ރޯން ފަށައިފި. ދެން އެއާޕޯޓުގައި އުޅޭ ނޮޅިވަރަމްފަރު މުހައްމަދާ ގުޅީމައި އޭނާ ތަފްސީލެއް ނުދޭ، ބުނީ އިހަށް މަޑުކޮށްލާށޭ، ލޯންޗު ކަމެއް ދިމާވެގެން ކޮންމެވެސް އެކަކު މަރުކަޒަށް ގެނެސްފިއޭ" އެ ހާދިސާގެ ހަބަރު ފުރަތަމަ އަޑު އެހި ގޮތް ކިޔައި ދެމުން ހަސަން ބުންޏެވެ. އޭނާ ބުނީ އޭރުވެސް އެއީ ކޮއްކޮ (ހުސޭނު) ކަމެއް ނޭނގޭކަމަށެވެ.

ދެން އަވަސްވީ ހަނިމާދުއަށް ދިޔުމަށް ކަމަށާ ކުރި މަސައްކަތުން އިއްޔެ ހަވީރު ހަނިމާދުއަށް ދެވުނު ކަމަށެވެ.

"އެއައި ގޮތަށް މިއުޅެނީ ކޮއްކޮ ކައިރި ހަނިމާދޫގައި...." ފެން ކަޅިވަމުން ކިޔައި ދިނެވެ.

"އަޅުގަނޑުގެ ކޮއްކޮގެ މޫނު ކަފަގަނޑު އެޅީ އަޅުގަނޑުގެ އަތުން، ކޮއްކޮ އާއި ކޮއްކޮ އިނދެގެން އުޅޭ އަންހެންހުންނާއި ކޮއްކޮގެ އަންހެން ދޮށީ ދަރިފުޅާއި އެ ދަރިފުޅުގެ ދަރިފުޅާ (ކާފަ ދަރި)، 4 މީހުން.... އެ ދިޔައީ..." ހަސަން އަށް ރޮވިއްޖެއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި ހުސެއިން އަބްދުﷲ

ހުސައިން އަބްދުﷲ

ހުސައިން އަބްދުﷲ އަކީ ހދ ނޮޅިވަރަމްފަރު ސްކޫލުގައި 35 އަހަރު ދިގު ހިދުމަތެއް ކޮށްދީފައިވާ ހިދުމަތްތެރިއެކެވެ. މީހުންނާ ގުޅޭ ގިނަ ބައެއްގެ ލޯތްބާ އިހުތިރާމް ހޯދާފައިވާ ޓީޗަރެކެވެ. އޭނާގެ ހިދުމަތަށްޓަކައި އެ ސްކޫލުގެ ގޯލްޑަން ޖުބްލީ އެވޯޑް އޭނާއަށް ލިބިފައިވެއެވެ. މި އެވޯޑު އޭނާއާ ހަވާލު ކޮށްދެއްވާފައި ވަނީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހުސައިންގެ ބޭބެ ހަސަން ކިޔައިދިން ގޮތުގައި ހުސެން އަކީ ވަރަށް ކުޅަދާނަ ގާބިލު ވާހަކަދެއްކުންތެރިއެއްވެސް ކަމަށެވެ. ހަސަން ބުނީ އޭނާގެ އާއިލާގައި އެއްބަނޑު އެއްބަފާ 9 ކުދިންނާއި އަދި ކާފަ ކުދިންނާއެކު 19 ކުދިން އެބަ ތިބި ކަމަށެވެ. އިއްޔެގެ ހާދިސާގައި ނިޔާވި ހުސެން އަކީ އެ ބޮޑު އާއިލާގެ "ބައްޕައެއް" ގޮތަށް ހުރި މީހާ ކަމަށެވެ.

"ހުސެންގެ ދަރިއަކީ ހަމަ އަހަރެމެންގެ ކުއްޖެއް، އޭނާ ހުންނާނީ މާލޭގައި އަޅުގަނޑުގެ އިބްރާހިމް ވަހީދު ކައިރީގައި" ދުނިޔޭގައި ހުރި ހުސެންގެ ހަމައެކަނި ދަރިފުޅުގެ ތަފްސީލު ދެމުން ހަސަން ބުންޏެވެ. ހަސަން ބުނީ އޭނާގެ ފިރިހެން ދަރިފުޅުގެ އުމުރަކީ ގާތްގަނޑަކަށް 22 އަހަރު ކަމަށެވެ. އަދި އޭނާއާއި ގައުމީ ޓީމަށް ފްޓްބޯޅަ ކުޅޭ އިބްރާހިމް ވަހީދު (އިއްބެ) އާ ވަރަށް އެކުވެރި ވާނެ ކަމަށާ އޭނާގެ ކަންތައްްތައް އެންމެ ގާތުން އެނގޭނީ އިއްބެ އަށް ކަމަށެވެ.

"މިހާރު ހަނިމާދޫގައި މަޑުކޮށްގެން މިތިބީ އޭނާއަށް ނިދިފައި އޮތީމައި، އޭނާ ނިންމާ ގޮތެއް ބަލާފައި ނޫނީ ނުފުރަން. އޭނާ ބުނި ބޭބޭ ރަށަކަށް ނުދާނަމޭ....މާލެ އޭ ދާނީ...ކީއްކުރަންހޭ ރަށަށް ދަނީ...މަގޭ މީހަކު މިހާރު ނެތޭ ރަށަކު...ބޭބެ އެކަންޏޭ ހުރީ" ރޮމުން ގިސްލަމުން ހަސަން ކިޔައި ދިނެވެ.

ހަސަން ކިޔައިދިން ގޮތުގައި އޭނާގެ ކޮއްކޮ ހުސެންގެ ހަމަ އެކަނި ހުރި ފިރިހެން ދަރިފުޅަށް މިވަގުތު ލިބިފައިވާ ހިތާމައިގައި އާއިލާގެ އެންމެން ބައިވެރިވެއެވެ. އަދި ހަސަންގެ އާއިލާގައި ތިބި 9 މެންބަރުންގެ ތެރެއިން ހަނިމާދޫގައި މިވަގުތު ތިބި 7 މެންބަރުން ތިބީ ހުސެންގެ ދަރިފުޅު ނިންމާ ގޮތެއްގެ އިންތިޒާރުގައި ކަމަށާ މިވަގުތު އޭނާއަށް ނިދިފައި އޮތުމުގެ ސަބަބުން، ހޭލެވެންދެން މަޑުކޮށްގެން ތިބި ކަމަށެވެ.

ހދ ނޮޅިވަރަމް ބަނދަރުން ފަށައިގެން ދަތުރުކުރަމުން ގޮސް ލޯންޗު ބަންޑުން ޖަހާލި ތަން

ހުސެން މާލެއަށް ކުރާ ދަތުރު

ހުސެންއާއި އާއިލާ ހަނިމާދުއަށް ދަތުރު ފެށީ މާލެ އައުމަށެވެ. މާލޭގައި ދުވަސްވީ މަންމަ އިނީމައި މަންމަ ދެކިލުމަށެވެ. އުމުރުން 83 އަހަރުގެ ހުސެންގެ މަންމަ އިންނަނީ މާލޭގައެވެ. ސްކޫލު ޗުއްޓީ ހަފްތާއާ ދިމާކޮށް ހުސެން މާލެ އަންނަން ދަތުރު ފެށީ އިއްޔެގެ އެ ހާދިސާ އާ ބައްދަލުވެދާނެ ކަމުގެ ކުޑަވެސް އިހުސާސެއް ނެތިއެވެ. ނަމަވެސް މަންމަ ގާތަށް އައުމަށް ފެށި ދަތުރު މަންމައާ ބައްދަލު ނުވެ ވަކިވެ ދިޔައީ މަންމައަށް އެއްވެސް ހަބަރެއް ނެތިއެވެ.

"މަންމައަކަށް އެއްވެސް ކަމެއް ނާންގަން އަދި، މަންމަ އިރުއިރުކޮޅާ އަހާ ކޮބާހޭ ހުސޭނު، އަންނަނީ ކޮން އިރަކުންހޭ، އޭނާ ފުރި ވާހަކަ ބުނީމެއްނޫންހޭ، ކީއްވެހޭ ނައިސް ލަސްވަނީ". ރޮމުން ގިސްލަމުން ހަސަން ކިޔައިދިނެވެ.

ހުސެންގެ މަންމަގެ 12 ކުދިން ތިބި އިރު މިހާރު ދުނިޔޭގައި ތިބީ ހަސަން އާއި ހަސީނާއެވެ. ބާކީ ތިބި ހުރިހާ މެންބަރުން ވަނީ ﷲ ގެ ރަހުމަތަށް ދަތުރު ކޮށްފައެވެ.

"ހުރިހާ ކުދިން އެ ދިޔައީ އަހަރެން ދޫކޮށްފައި، އަހަރެންގެ އަތް މަތީ" ހަސަން ބުންޏެވެ. ހަސަން އިތުރަށް ބުނީ އާއިލާގެ 12 މެންބަރުންގެ ތެރެއިން 10 މެންބަރުން ނިޔާވެ ދިޔުމުގައި އެއްވެސް މީހަށް އެއްވެސް ކަމެއްގައި ޝައްކު ނުކުރާ ކަމަށާ އެއީ ﷲ ގެ ނިޔާ ކަމަށެވެ.