މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމްގެ ނަމާ މެދު އާންމުންގެ ހިލާު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްއެމްއޭގެ ގަވަރުނަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހަޅުއްވާފައިވާ ހާޝިމްގެ ނަން ދިރާސާކޮށް، ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ ހާޝިމް ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ބެހޭ ގޮތުން އާންމުންގެ އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް އިއުލާން ކޮށްފައެވެ. އެގޮތުން، ހާޝިމާ ބެހޭ އެއްވެސް ޝަކުވާއެއް މަޖިލީހަށް ބޭނުންވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ދާއިމީ އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަސް ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީސް އިދާރާއަށް ލިޔުމުން ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ހާޝިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ފުރަތަމަ ފައިނޭންސް މިނިސްޓަރެވެ. އޭނާ އެ މަގާމު އަދާ ކުރެއްވީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށެވެ.

ހާޝިމްގެ ނަން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނަސީރު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.