މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވެ ކަނޑު ގަދަވެފައި ވަނިކޮށް، ތިލަ ވެގެން ދިޔައީ، ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ފުރި ލޯންޗެއް ފުރި ފަހުން ހަބަރު ނުވެގެން ހޯދަން ފެށި ވާހަކައެވެ. އާއިލާގެ ބަޔަކު މާލެއަށް ފުރުވަން ކުރި ދަތުރެކެވެ.

ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރީގައި އޮންނަ އެއް ރަށެވެ. ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. ބަންޑުން ޖަހާލި ލޯންޗަކީ، ނޮޅިވަރަންފަރުން އާންމުކޮށް ހަނިމާދުއަށް ދަތުރުކުރާ ލޯންޗަކަށް ވިޔަސް މި ކުރު ދަތުރުގައި ލޯންޗުގެ ހަބަރު ނުވެގެން ހޯދަން ފެށީ، ހަނިމާދުއަށް ބަނދަރު ކުރަން ޖެހޭ ވަގުތަށް ވުރެ އެތައް އިރެއް ހޭދަވުމުންނެވެ.

11:10 ހާއިރު ފުރި މި ލޯންޗު ހޯދުމުގެ މަސައްކަތް ފެށީ އޭގެ ގަޑި އިރަކަށް ވުރެ ވެސް ގިނަ އިރު ފަހުން އެ ލޯންޗުގައި ދަތުރު ކުރި މީހަކު ފަތާފައި ހަނިމާދޫ އަށް އަރާ ލޯންޗު ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ދިނުމުންނެވެ.

ހދ ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރު ކުރަމުން ދިޔަ ލޯންޗު ބަންޑުން ޖަހާލި ތަން

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގައި 23 ފޫޓުގެ މި ލޯންޗް ބަންޑުން ޖަހާލައިފައި ވާއިރު، އާންމު ގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން އެތަނަށް ވަދެ އުޅުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ނަމަވެސް، މިއަދު އެ ލޯންޗު ދުއްވަން އިން ކައްޕި އެ ކަނޑިންމަ އަށް ވަންނަން ނިންމީއެވެ. ލޯންޗު ބަންޑުން ޖަހާލީ ކަނޑިންމަ އިން ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކުއެވެ.

ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމްލަ 10 މީހުންނާ އެކި ދަތުރު ކުރި މި ލޯންޗު ހޯދަން ފެށިތާ މާގިނަ އިރެއް ނުވެ، ލޯންޗުން ދަތުރުކުރި 7 މީހަކު ފެނުނެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑް އަދި ސީ އެމްބިއުލާންސް ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދަމުން ދަނިކޮށް ގަޑި އިރެއް ހާއިރު ފަހުން ލޯންޗުގައި ދަތުރުކުރި ހުރިހާ އެންމެން ފެނިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފުން ހިއްސާ ކުރިއެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫ އަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗު ހަނިމާދޫ އަށް އަރުވަނީ/ ފޮޓޯ: އެމްއެންޑީއެފް

ކަނޑުމަތީގެ ދަތުރު ކުރުމުގައި ލައިފް ޖެކެޓް ގެންގުޅުމަކީ އާންމުކޮށް ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެކެވެ. މި ހާދިސާއާ ގުޅިގެން ކަނޑުމައްޗަށް ގެއްލުނު މީހުން އަތުގައި ލައިފް ޖެކެޓް ނެތް ކަން އެމްއެންޑީއެފުން ފާހަގަ ކޮށްފައި ވާއިރު، ކަނޑުމަތިން ނެގި މީހުންނަށް ސީޕީއާރު ދީ ފަސްޓް އެއިޑް ދީފައިވާ ކަމަށާއި، އެމީހުން މަރުވެފައި ވާކަން ކަށަވަރު ކޮށްދީފައި ވަނީ ހަނިމާދޫ ހޮސްޕިޓަލުން ކަމަށް އެންއެންޑީއެފުން ހާ ކުރިއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ހިމެނޭ މީހުން ހަނިމާދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވުމުން ހޮސްޕިޓަލް ސަރަހައްދަށް މީހުން އެއްވެފައި/ ފޮޓޯ: އެފްބީ

ލޮނުބޮވި ހާލު ސީރިއަސްވެފައި ވަނިކޮށް ހަނިމާދޫ ހޮސްޕިޓަލަށް ގެންގޮސް އޮކްސިޖަން ދިނުމުގެ ސަބަބުން 5 މީހުން ސަލާމަތް ވެފައި ވާއިރު ފަސް މީހުން ވަނީ މަރުވެފައެވެ. ނޮޅިވަރަންފަރަށް ނިސްބަތްވާ މި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ. މި ހަދިސާގައި މަރުވެފައި ވަނީ ނޮޅިވަރަމްފަރު ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު ކަމަށްވާ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އަދި އެ ދެމަފިރިންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲގެ އިތުރުން ގުރައިޝާގެ ތިން އަހަރުގެ ދަރިފުޅު އަދި އެރަށު ސްކޫލުގެ އެހެން ޓީޗަރެއްގެ އަންހެނުންނެވެ.

ރަށުގެ އިއްޒަތްތެރި އާއިލާއަކަށް ނިސްބަތްވާ ހުސެއިން އަބްދުﷲ އަދި މަރިޔަމް މަނިކެ، މިއަދު އެދެމަފިރިންގެ ދަރިފުޅާއި ކާފަ/މާމަ ދަރިފުޅާ އެކު ހަނިމާދުއަށް ދަތުރު ފެށީ ދަރިފުޅާއި ކާފަ ދަރިފުޅު މާލެއަށް ފުރުވުމަށެވެ. ތަގުދީރު ނިޔާ ކުރާނެ ގޮތެއް އަދި ވަގުތަކީ އިންސާނުންގެ ބާރު ފޯރާ ވަރަށް ވުރެ ދުރުގައިވާ ކަމެކެވެ. މާލެ ދިއުމަށް ފެށި ދަތުރު ހަޔާތުގެ އެންމެ ފަހު ދަތުރަށް ވެގެން ދިޔަ މިހާދިސާގައި ނިޔާވި އެންމެހާ ފަރާތްތަކުގެ އާއިލާތަކަށް 'ދަ ޕްރެސް" ގެ ތައުޒިޔާ ދަންނަވަމެވެ. އަދި އެފަރާތްތަކުގެ އާއިލާތަކަށާއި ރަށުގެ އެންމެހާ ރައްޔިތުންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!