ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި ގުޅިގެން، އެ ކޯޓަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އިއުލާން ކޮށްފިއެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީއާމެދު ގާނޫނުގެ 37 ވަނަ މާއްދާގެ (ބ) ގައިވާ ތައުދީބީ ފިޔަވަޅުކަމުގައިވާ "ފަނޑިޔާރު ވަޒީފާއިން ވަކިކުރުމަށް" ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން އެ ކޯޓުގައި މިހާރު ހުސްެވެފައިވާ ފަނޑިޔާރުކަމަށް ބޭފުޅަކު ހަމަޖެއްސުމަށް ރައީސަށް ލަފާ ދެއްވުމަށް އެދިވަޑައިގެންފައިވާތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް ހަމާވާނެކަމަށް ޖޭއެސްސީން ބުނެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފަނޑިޔާރު ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރީ ޖޭއެސްސީއިން އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމުންނެވެ. އަބްދުﷲ ދީދީ މަގާމުން ވަކި ކުރީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޮވުމަށް އިއުލާން ކޮށްފައިވާ އިރު، ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލާއެކު ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކޮށް އިތުރު ދެ ފަނޑިޔާރުން ހޯދުމަށް މިދިޔަ ހަފްތާގައި ވެސް އިއުލާންކުރިއެވެ. އެ ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވިއެވެ. އެއީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު އަލީ ސަމީރާއި ވަރަށް ފަހުން ހައިކޯޓަށް ވަޑައިގެންނެވި މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

ނަމަވެސް ރައީސް ސޯލިހު ވަނީ އެމަނިކުފާނު ޖޭއެސްސީގެ ލަފަޔަކަށް އެދި ފޮނުއްވި އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްޑާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ދެ ނަމުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީން) ފޮނުވާފައިވާ 3 ބޭފުޅުންގެ ނަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ. އެއީ ދަފްތަރު ނަންބަރު 6993 ޝުއައިބް ހުސައިން ޒަކަރިއްޔާ، ހދ. ވައިކަރަދޫ ގްރީންވިލާ، މުހައްމަދު ނިޔާޒުގެ އިތުރުން މއ. ވޭސައިޑް 610 އަލީ ސަމީރުގެ ނަމެވެ.