ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހަރަކާތްތައް މޮނިޓާ ކުރެއްވޭނެގޮތަށް ޓެގްއެޅުވުމަށްފަހު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އަދީބުގެ ގެއަށް ބަދަލުކުރީ ރޭގެ ވަގުތެއްގައެވެ. އަދީބު ގޭ ބަންދަށް ބަލުކޮށްފައިވަނީ ހިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނަވަނިކޮށް ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހުގައެވެ. އަދީބު އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ.

ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ އަދީބު ގޭ ބަންދަން ބަދަލުކުރިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަދީބު ޓެގް އަޅުވާފައިވަނީ އުޅުއްވާ ތަންތަން ފުލުހުންނަށް މޮނީޓާ ކުރެވޭގޮތަށެވެ. އަދި ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ގޯސްވެގެން އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެއްވާފައިވެއެވެ. ގޭބަންދަށް ބަދަލުކުރަން ދެން އެމަނިކުފާނު ގެންދެވީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ.

މީގެ އިތުުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާކުރުމުގެ ދައުވާގެ ޝަރީއަތުގައި ދާދި ފަހުން އަދީބު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައެވެ.