ފުލުހުންގެ މުއައްސަސާއަށް ގެނެވުނު ބަދަލުތަކާއެކު، ފުލުހުން ގާނޫނާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަށް މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.

ޖާބިރު ހުށަހެޅުއްވި ސުވާލުގައި ވަނީ ފެބްރުއަރީ 6، 2012 ގައި ޢައިރު ގާނޫނީ އަމުރުކުރި ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ، ފެބްރުއަރީ 7 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ކަމަށާ، އަދި ފެބްރުއަރީ 8، 2012 ގައި ރައްޔިތުންތަކެއް ނުކުމެ މާލެއާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލްތަކާއި ކޯޓުތަކުގާ ހުޅުޖަހާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯއާ ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ.

މި ސުވާކުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގާނޫނީގޮތުން އުފެދިފައިި އޮންނަ، ސަރުކާރު ނަގަހައްޓާ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އެބައޮތްކަމަށެވެ.

އިމްރާން ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމު ކުރެވި، މުއައްސަސާ ތަރައްގީކޮށް ކުރިއަރުވާ މުއައްސަސާގެ އުސޫލުތައް ހަމައަކަށް އަޅުވާ ތަމްރީނާ ތަޖުރިބާ ހޯދައިދިނުމުގެ މަސައްކަތުގައި މިއަދާ ހަމައަށް އުނދަގޫ މަރުހަލާތަކެއް ކަނޑައްތު ކުރަން ޖެހިފައިވާ ކަމަށެވެ.

"ނަމަވެސް މިއަދު ފުލުހުންގެ މުއައްސަސާގެ ހާލަތަށް ބަލާއިރު، ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމު ކުރާ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ހުނަރާއި ގާބިލްކަން ދީފައިވާ އަދި މަތީ ފެންވަރުގެ ތައުލީމާ ތަމްރީނު ލިބިދީފައިވާ އެތައް އޮފިސަރުންނެއް ފުލުހުންގެ ތެރޭގައި އެބަތިއްބެވި. މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ބައްޓަންކޮށް ހަރުދަނާކުރުމަށް ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން،"
އިމްރާން

އިމްރާން ވިދާޅުވީ ފުލުހުންގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނަކީ ހިތްހެޔޮ އޯގާވެރި ބަޔަކަށް ހަދައި، ރައްޔިތުންނާ ގާތުން ގުޅިގެން މަސައްކަތްވކުރާ އަދި ފޯރުކޮށްދެވޭ ހިދުމަތަކީ ޒަމާނީ ފެންވަރުގެ ކުރިއަރާފައިވާ ފުރިހަމަ ހިދުމަތަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުންކޮށްގެން ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިންސާނީ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކޮށްދީ އިންސާނުންނާ މެދު އޯގާތެރިކޮށް ހިތޭނޭ ގޮތަށް ކަންކަން ބައްޓަންކޮށް ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންގެ ފުރިހަމަ އިހުތިރާމާއި ލޯބި ލިބޭފަދަ މަސައްކަތަކަށް ފުލުހުންގެ މަސައްކަތްތައް ހެއްދެވުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އެގޮތުން މި އަސާސްތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ އިތުބާރާ އިހްތިރާމްލިބުމަކީ ފުލުހުންގެ އެންމެ މައިގަނޑު އެއް އަސާސްކަމަށް ބަލައިގެން، އޭގެ މައްޗަށް ބިނާކޮށް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް މިހާރު ވަނީ އެކަށައަޅާ ނިމިފައި،"
އިމްރާން

މިނިސްޓަރު ވިދާޅުވީ އެ ޕްލޭން އިމްޕްލިމެންޓްވކުރުމަށް ބޭނުންވާ އެކްޝަން ޕްލޭން ވަނީ ފަށައިގަތުމުގެ މަރުހަލާގެ ތެރޭގައި ކަމަށާ އަދި މި ޕްލޭން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ތަމްރީނުތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުލުހުންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އިމްރާން ވިދާޅުވީ މިވަގުތު ވެސް ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު އިނގިރޭސީ ވިލާތަށް މުހިންމު ދަތުރެއް ކުރައްވާ އޭގެތެރެއިން ފުލުހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީނާ ތަޖުރިބާ ލިބިދިނުުމުގެ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ ކަމަށެވެ. އަދި ފުލުހުންނަށް އިތުރު ހުނަރާ ތަމްރީނު ދިނުމަށްޓަަކައި ބޭރުގެ ތަޖްރިބާކާރުން ގެނެސް އެބޭފުޅުންނާ މަޝްވަރާ ކުރެވި އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ އެތެރޭގެ ސަފުތައް ތަރުތީބުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތް ކުރެވެމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.