އަންނަ މަހު އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށް ގެންދާ އދގެ އަހަރީ އާންމު ޖަލްސާގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ގަދަބާރުންވެސް ކަޝްމީރުގެ މައްސަލަ ނަންގަވާނެ ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

އިމްރާން ހާންގެ އެމެރިކާ ދަތުރުފުޅާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގުރައިޝީ ވިދާޅުވީ، އދގެ އާންމު ޖަލްސާގެ ހަވާސާގައި ގިނަ ބައްދަލުވުންތަކެއްގައި އިމްރާން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާ، ދޭދޭ ގައުމުތަކާ ދެމެދު ގިނަ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅޭ ގޮތުން އިމްރާން ވާހަކަފުޅު ދައްކަވާނީ، އާންމު ޖަލްސާގައި ތަގުރީރުކުރުމަށް ކޮންމެ ގައުމަކަށްވެސް ލިބޭ ފުރުސަތުގައި ކަމަށް ގުރައިޝީ ވިދާޅުވިއެވެ. މިދިޔަ ހޯމަ ދުވަހު ގައުމާ މުހާތަބު ކުރައްވަމުން ޚުދު އިމްރާންވެސް ވަނީ މިކަމަށް އިޝާރާތް ކުރައްވާފައެވެ. އދގެ އާންމު މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ އެހެނިހެން ފޯރަމްތަކުގައިވެސް ކަޝްމީރުގެ މައްސަލަ ނަންގަވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް ޖައްމު އާއި ކަޝްމީރުގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާއިރު، "ސިމްލާ" އެއްބަސްވުމުގެ ދަށުން މި ސަރަހައްދު ވަނީ މި 2 ގައުމަށް ބައިކުރެވިފައެވެ. ނަމަވެސް އިންޑިއާއާއިން މި އެއްބަސްވުމާ ހިލާފު ވެފައިވާކަމަށް ޕާކިސްތާނުން މިހާރު ދަނީ ވަކަލާތު ކުރަމުންނެވެ.

މިފަހަކަށް އައިސް ކަޝްމީރުގެ މައްސަލައާއި ގުޅިގެން ޕާކިސްތާނުން ދައްކާ ވާހަކަތައް އިތުރުވެފައިވަނީ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމާ ގުޅިގެންނެވެ.