އިނގިރޭސިވިލާތުގައި އޮތް ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކުރެއްވުމަށް ހުށަހެޅުއްވީ އެގައުމުގެ އާ ބޮޑު ބޮރިސް ޖޯންސަންއެވެ. އިނގިރޭސި ރަނީ ކުއީން އެލިޒަބަތު (2 ވަނަ) ވަނީ، ޖޯންސަންގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައެވެ. މިދަނޑިވަޅަކީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމަށް އިނގިރޭސިވިލާތުން ކުރަމުންދާ (ބްރެގްޒިޓް) މަސައްކަތް ކޮޅެއްގައި ޖެއްސުމަށް ވަގުތު ކުޑަތަންވަމުން ދާ ދަނޑިވަޅެކެވެ. މިއާއެކު، މިކަމާ ބެހޭ ގޮތުން އިތުރު ބަހުސްތަކެއް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދެން މާ ބޮޑު ފުރުސަތެއް ނެތެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޝަނަށް ފޮނުވާލަނީ 5 ހަފުތާގެ މުއްދަތަށެވެ. ކަންމިހެން އޮތްއިރު އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަންޖެހޭ ސުންގަނޑި ހަމަވާން މާ ގިނަ ދުވަހެއް ނެތެވެ. އެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެއެވެ. ބާތީ އޮތީ ގާތްގަނޑަކަށް 9 ވަރަކަށް ހަފުތާއެވެ.

ވިލާތުގެ އިއްތިހާދުގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމި އޮތުމަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މަޖިލިސް ސަސްޕެންޝަނަށް ފޮނުވާލުމަކީ ބަގާވާތެކެވެ. ބްރެގްޒިޓަށް ތާއީދުކުރި ބައެއް މީހުންވެސް ދަނީ މި ނިންމުމަށް ހިސާބަކަށް ފާޑުކިޔަމުންނެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުމާ ބެހޭ ގަރާރު (ބްރެގްޒިޓް) ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސީއެންއެން އިންޓަނޭޝަނަލް

ބޮޑުވަޒީރު ޖޯންސަން ބޭނުންފުޅުވަނީ އާ އެޖެންޑާއަކާއެކު، މަޖިލީހުގެ އާ ދައުރެއް އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ފައްޓަވާށެވެ. މީގެ ކުރިން ޚަރީފު މޫސުމާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުން 3 ހަފުތާގެ ޗުއްޓީއަކަށް ދިޔަ ނަމަވެސް، މި ބަދަލާއެކު، އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މަޖިލީސް ސަސްޕެންޝަނަށް ދާނެއެވެ. މިއާއެކު އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުން ހުއްޓުވުމަށް މެމްބަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މިވީ ކިހިނެއް؟

އިސްވެ ދެންނެވުނު ފަދައިން ޚަރީފު މޫސުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން އަބަދުވެސް 3 ހަފުތާގެ ޗުއްޓީއެއް ނަގައެވެ. ނަމަވެސް މިފަހަރު މިދަނީކީ އާދައިގެ ޗުއްޓީއަކަށް ނޫނެވެ. ބޮޑުވަޒީރުގެ ހުށަހެޅުއްވުމަކަށް މަޖިލިސް ދައުރު ކުރުކޮށް، ސަސްޕެންޑްވީއެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލަން އޮތް ފުރަތަމަ ސުންގަޑި ހަމަވީ މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ވިލާތުގެ އިއްތިހާދާއެކު 3 ފަހަރެއްގެ މަތިން މަޝްވަރާކޮށްގެން އެކުލަވާލި އެއްބަސްވުންތައް ބަލައިގަތުމަށް މެމްބަރުން އިންކާރު ކުރެއްވުމާއެކު މި ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަސް ކަމުގައި ހަމަޖެއްސުނެވެ.

ބޮޑުވަޒީރު ޖޯންސަންއަކީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން، އެއްބަސްވުމަކާ އެކުގައިވިއަސް، ނުވަތަ އެއްބަސްވުމަކާ ނުލާ ވިއަސް، ވިލާތުގެ އިއްތިހާދުގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިކުރެއްވުމަށް އަތުކުރި އޮޅާލައްވައިގެން ހުންނެވި ބޭފުޅެކެވެ.

ކަންމިހެން އޮތް ނަމަވެސް، އެއްވެސް ވަރެއްގެ އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުމަށް މަޖިލީހުގެ ގިނަ މެމްބަރުން އެދިވަޑައެއް ނުގަންނަވައެވެ. މީގެ ތެރޭގައި އިދިކޮޅު ޕާޓީއާއި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ބައެއް މެމްބަރުން ވަނީ، އެއްބަސްވުމަކާ ނުލާ ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްނުލެވޭ ގޮތަށް ގާނޫނެއް ގެންނާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެކަން ފެއިލްވެއްޖެނަމަ، ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށްވެސް ބައެއް މެމްބަރުން ވަނީ އިންޒާރުކުރައްވާފައެވެ.

ގާނޫނު ހަދާ މަޖިލީސް ސަސްޕެންޑްކުރެވިދާނެތަ؟

މިއީ ކުރެވިދާނެ ކަމެކެވެ. އެއް ދައުރު ނިންމާ، އަނެއް ދައުރު ފެށުމާ ދެމެދު އޮންނަ މުއްދަތުގައި މިކަން ހުއްދައެވެ. ނަމަވެސް ތަފާތަކީ، އަދުގެ މަސްރަހު އޮތް ނާޒުކު ފައްތަރެވެ. ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކުރި މައްސަލަޔައިގެން ކޯޓަށް ދެވޭނެ ފުރުސަތެއް ނެތެވެ. ސަރުކާރުން ކުރީ ޣައިރު ގާނޫނީ ކަމެއް ނޫނެވެ.

މެމްބަރުންނަށް އޮތީ ދެ ގޮތެކެވެ. އެއްބަސްވުމަކާ ނުލާވެސް ބްރެގްޒިޓް ބަލައިގަންނަން ޖެހިއްޖެ ހިނދެއްގައި އެކަން ބަލައިގަތުމެވެ. ނުވަތަ ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމެވެ.

ދެންވާނީ ކިހިނެއް؟

މަޖިލިސް ތާވަލަށް ބަލާއިރު ބައްދަލުވުމެއް ދެން އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ވާ އަންގާރަ ދުވަހުއެވެ. އެއަށްފަހު އަނެއްކާވެސް މަޖިލިސް ދާނީ ޗުއްޓީއަށެވެ. ބޮޑުވަޒީރު ޖޮންސަންއަށް ކާމިޔާބުވެއްޖެނަމަ މަޖިލީހުގެ ބައްދަލުވުމެއް އެންމެ އަވަހަށްވެސް ބޭއްވޭނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ސުންގަޑި ހަމަވުމުގެ 2 ހަފުތާއެއްހާ ދުވަސްކުރިއެވެ.

ކަންމިހެން އޮތްވާ، ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ކުރިން، ސަރުކާރާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މެމްބަރުން ތާއީދުކޮށްފިނަމަ، މިއަހަރުގެ އޮކްޓޯބަރު މަސް ވެގެންދާނީ އިނގިރޭސިވިލާތުގައި އާންމު އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދަންޖެހޭ މަހަކަށެވެ.

ބްރެގްޒިޓަށް ވާ ގޮތެއް ދެން ކަނޑައެޅިގެންދާނީ އެ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތެއްގެ މައްޗަށެވެ.