މިއަދަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުން ރައްޔިތުން ގާތު ޖުޑީޝަރީ އިސްލާހު ކުރުމުގެ ހަގީގީ މަސައްކަތް ފެށިގެން ދާ ދުވަސް ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ޖުޑީޝަރީ ކޮމެޓީން ނިންމި ރިޕޯޓަށް ބަހުސް ކުރައްވަމުން ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވީ މިއަދަކީ އެމްޑީޕީން ވޭތުވެދިޔަ ހަތް އަހަރު ދުވަހު މަގުތަކުގައި ކުރި މުޒާހަރާތަކުގެ ހަގީގީ މަގްސަދު ހާސިލުވެގެން ދާނެ ދުވަސް ކަމަށެވެ. އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އޭރު ގޮވަމުން ދިޔައީ އަދުލުން އިންސާފު ގާއިމް ކުރުމަށް ކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާހް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ހާއްސަ ގޮތެއްގައި ފަލާހް ވަނީ އޭނާގެ ދާއިރާގެ މެންބަރެއް ކަމަށްވާ އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ތުހުމަތު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް އަމުރު ކުރެއްވުމުން އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

މި ބަހުސްފައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުން މިއަދާއި ހަމައަށް ވެސް މަސައްކަތް ކުރަމުން އައީ އެ ބޭފުޅުން ކުރާ ކަންކަމަށް ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށާއި އެގޮތުން މިއަދަކީ ޖުޑިޝަރީ އިސްލާހު ކުރުމަށް މުހިއްމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރަން މިއަދު ފިޔަވަޅެއް އެޅިގެންދާއިރު ހިސާން ވަނީ ޖުޑިޝަރީ އަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންނަކީ އެންމެ ނަޒާހާތްތެރި މުސްތަގިއްލު ފަނޑިޔާރުންގެ ގޮތުގައި ތިބެންޖެހޭ ބައެއްކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރެއްގެ ފަރާތުން މަގުމަތީގައި ދަމާކަނޑާ މީހުންވެސް ނުކުރާނެ ފަދަަ މެސެޖްތަކެއް ދިވެހި ރާއްޖޭގެ ސިޔާސީ ފަރާތަކަށް ކޮށްފައިވުމުން އަންތަރީސްވާންޖެހޭ ކަަމަށެވެ.

"މިކަމަކީ ހުރިހާ ރައްޔިތުންނަށްވެސް އިގޭ ސިއްރެއް، އެންމެ ފަހުން އެ ފަނޑިޔާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އައިސްފައި. އަދި ފަނޑިޔާރުގެ ނަޒާހާތްތެރިކަން ގެއްލި، ވިކި ހުސްވެފައި ހުންނެވި ފަނޑިޔާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވި ވަކި ކުރުމަށް މަޖިލީހަށް އައިސްފައި. މިހާ ހާމަކަން ބޮޑު ކަމެއްގަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ރައްޔިތުންނާއި ހަމަޔަށް އައި މައްސަލައެއް ރާއްޖޭގެ ތާރީހުގައިވެސް ނެތް. އެގޮތުން ޖޭއެސްސީގެ މައްސަލައަށް ވަރަށް ބޮޑަށް ތާއީދު ކުރަން،" މީކާއިލް ވިދާޅުވިއެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ނިންމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ދިޔަ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ. އަދި އެ ފުރުސަތުގައި ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ދީފައިވާ ޖަވާބުގައި ތަހުގީގު ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތް ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަބްދުﷲ ދީދީއަށްވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.