ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ރޭ ފޮނުވައިފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އިއްތިފާގުންނެވެ. ޖުޑީޝިއަލް ކޮމިޓީގެ ރިޕޯޓު މިއަދު މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. ބެލެވޭ ގޮތުގައި މިއަދުގެ މަޖިލީހުގައި ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމާނެއެވެ.
ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިފައި އޮތަސް، އެކަން ތަންފީޒު ވާނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގޮތުން ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރެވޭނީ، ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވައި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ ދެބައި މެންބަރުންގެ އައުލަބިއްޔަތުން ފާސްވުމުންނެވެ.
ޖޭއެސްސީން ބަލާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑީޑީ މިހާރު ހުރީ ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ނިންމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ، އޭނާއާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ދިޔަ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން ބަލައިގަނެ، އެ ރިޕޯޓަށް ޖަވާބު ދިނުމަށް ފަނޑިޔާރު ދީދީއަށް 30 ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުއެވެ. އަދި އެ ފުރުސަތުގައި ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ދީފައިވާ ޖަވާބުގައި ތަހުގީގު ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތް ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަބްދުﷲ ދީދީއަށްވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.