ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދީފިއެވެ.

އަޒްލީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އޭނާއަށް ހަމަލާދީފައި ވަނީ ރޭ ދަންވަރު 12:15 ހާއިރު ކަމަށެވެ. އަޒްލީން ވިދާޅުވީ އޭނާގެ ގެ ކައިރީގައި ހުއްޓާ އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދިން ކަމަށާއި، އަދި އޭނާގެ ދުވަސް ދުއްވާލާނެކަމަށް ބުނެ ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށެވެ. އަޒްލީން ވަނީ އެކަން ސީރިއަސްކަމެއްގެ ގޮތުގައި ބަލައި، ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅުއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްލީނަށް ހަމަލާދިން މިހާ އޭނާ ގައިގާ ޖަހާފައި ވެއެވެ. އަދި ހަމަލާދިން ސަރަހައްދުގައި ފުލުހުން ރޭ ހަރަކާތްތެރިވި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަޒްލީނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްލީންގެ އިތުރުން ކުރީގެ ރައީސް ޔާމީނުގެ އަރިހުގައި ތިއްބެވި ގިނަ ބޭފުޅުން ރޭ ވަނީ ޖޭޕީއަށް ސޮއިކުރައްވާފައެވެ.