ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމަންޓްރީ ބަޖެޓު ފާސްވީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ބުނީ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށެވެ. އަދި އަލަށް އުފެދުނު ގާނޫނުތަކާއި ބައެއް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ދައުލަތުން ކުރަން ޖެހުނު ހަރަދުތައް ލަފާ ކުރެވުނު އަދަދަށް ވުރެ މަތިވުމަކީވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ނިންމީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމުން، އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ދަތިވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ މުޅި ޖުމްލަ ބަޖެޓަކީ 31.9 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރު ވާނެއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވާ ބަޖެޓުން މިހަތަނަށް 14.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި މިއަހަރު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.5 ބިލިއަން ރުފިޔާއެވެ.

ސަޕްލަމަންޓްރީ ބަޖެޓްގައި، ވައިގެ ދަތުރުތަކުގެ އަގު ހެޔޮކުރުމަށް އައިލެންޑް އޭވިއޭޝަނަށް 35 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި، ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 24.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ނާސްތާ ޕްރޮގްރާމަށް 81 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށް، ބަޖެޓަށް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.