ރާއްޖެއަށް ވަގަށް އެތެރެ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވެހިކަލްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 24ވަނަ ދުވަހު ރާއްޖެއަށް ލަކުޑި އެތެރެ ކުރި ކަމުގެ ނަމުގައި ގެނެސްފައިވާ ދެ ކޮންޓެއިނަރެއްގެ ތެރޭގައި ކާރާއި ސައިކަލުތަކެއް ރާއްޖެއަށް ވަގަށް އެތެރެ ކުރަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ވަގަށް އެތެރެކޮށްފައިވަނީ ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނުގެ އިތުރުން 14 ސައިކަލު ކަމަށެވެ. ފުލުހުންނާއި ގުޅިގެން ކަސްޓަމްސްއިން ހިންގި މި އޮޕަރޭޝަންގައި ހިފެހެއްޓި މުދަލުގެ އަގު ފަސްލައްކައަށްވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ ތަކެއްޗަށްވާ ޑިއުޓީގެ އަގު 558،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކަސްޓަމްސްއިން ވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. ކަސްޓަމްސްއިން ބުނީ މިފަދަ މައްސަލަތަކާއި ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހާތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެ އިދާރާއިން އަޅަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެ ކުރެވޭނީ ގެންނަ މުދަލުގެ ތަފްސީލު ކަސްޓަމަށް ހުށަހަޅާ ލިޔެކިޔުންތައް ހަމަކޮށްގެނެވެ.