ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ މަހުގެ ފަހަކަށް ދިގު ކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ދައުރު ނިންމައި ޗުއްޓީއަށް ދާން އޮތީ، އަންނަ ބުރާސްފަތި ދުވަހެވެ. ނަމަވެސް މުހިންމު ބިލްތަކާއި މައްސަލަތަކެއް ނިންމަން ހުރުމުން ރިޔާސަތުން ވަނީ ދައުރު އަންނަ ސެޕްޓެމްބަރު ފަހަކަށް ދިގު ކުރުމަށް ވޯޓަށް އައްސަވާފައެވެ. މަޖިލީހުގެ ދައުރު ދިގުކޮށްފައި ވަނީ ހަފްތާއަކަށެވެ.

މަޖިލީހުގެ ދައުރު ދިގު ކުރުމަށް ފާސްކޮށްފައި ވަނީ މިއަދު މަޖިލީހަށް ހާޒިރުވެ ތިއްބެވި 72 މެންބަރުންގެ ވޯޓާ އެކުއެވެ.

19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މޭ މަހު 18 ވަނަ ދުވަހެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވާފައި ވާއިރު، މަޖިލިސް މެންބަރުން، މެންބަރު ކަމުގެ ހުވާ ވެސް ކުރެއްވީ މޭ 28 ވަނަ ދުވަހެވެ.