ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ އިސް ބޭފުޅުންތަކެއް ރޭ ޖޭޕީއަށް ސޮއި ކުރެއްވި ކަން އެންމެންނަށްވެސް އެނގޭނެއެވެ. އޭގެ ތެރޭގައި އެ ދެ ޕާޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން ހިމެނުނު ކަންވެސް އެނގޭނެއެވެ. ނަމަވެސް ސުވާލު އުފެދެނީ އެ ބޭފުޅުން ކުއްލިއަކަށް ޕީޕީއެމް އާއި ޕީއެންސީ ދޫކޮށްލެއްވީމައެވެ.

އެކި ފަރާތްތަކުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. އެބޭފުޅުން ޖޭޕީއަށް ދިޔުން ސިފަ ކުރައްވާ އެ ދެޕާޓީއާ ގާތް ގުޅުމެއް އޮންނަ ސިޔާސީ ބޭފުޅަކު ވިދާޅުވީ، އެބޭފުޅުން ގާސިމް އަރިހަށް ވަޑައިގަތީ 'ނަގަން އޮތް ރާޅު ބޮޑު ކަމުން ސަލާމަތް ވެވަޑައިގަންނަވަން' ކަމަށެވެ.

"ގާސިމް ފޫބުޑަށް އެ ދިޔައީ، ޔާމީނަށް ހުކުމެއް ކުރާނެކަމަށް ގަބޫލު ކުރާތީ، އެމީހުނަށް އެނގޭ ދެން ހިފާނީ އެމީހުންގެ ގައިގާ ކަން. ގާސިމު ކައިރިއަށް ދިޔައިމާ ޑީލެއްގެ ދަށުން ކޮންމެވެސް ވަރެއް ވެދާނެ ކަމަށް ބަލައިގެން އެ ދިޔައީ" އެބޭފުޅާ ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރައްވަނީ ރައީސް ޔާމީނުގެ މައްޗަށް މިހާރު ހިނގަމުންދާ ޝަރީއަތަށެވެ. 1 މިލިއަން ޑޮލަރުގެ، މަނީ ލޯންޑަރިން މައްސަލަ 'އާންމު ކޯޓުގައި' ކުރިއަށް ދާއިރު، މައްސަލަ ކުރިއަށް އަންދާޒާ ކުރަން ވަރަށް ފަސޭހައެވެ. ކޮންމެ ގޮތަކަށް ހުކުމެއް އަޔަސް އާންމު ރައްޔިތުންނަށް ވާނުވާ މިހާރު އެނގެއެވެ.

އެބޭފުޅުން ގާސިމު އަރިހަށް ވަޑައިގަތުމުން، ދެކެވެމުންދާ ވާހަކަތަކަށް މި ހިޔާލުވެސް އިތުރު ވެއެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ގާސިމު އަރިހަށް އެ ވަޑައިގަތީ ރައީސް ޔާމީނުގެ އަތްޕުޅުން ފައިސާ ފޮއްޗެއް ލިބިވަޑައި ނުގަތީމައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެބޭފުޅުން ގާސިމު އަރިހަށް ވަޑައިގަތީ ނޫން ކަމަށާ އެއީ ރައީސް ޔާމީނު، ޖާސޫސް ކުރަން ފޮނުއްވި އެޖޭންޓުން ކަމަށެވެ.

މި ވާހަކައިގައި ކުރި ފަޅުވާލެވި ދާނެއެވެ. ސިޔާސީ މައިދާނުގައި ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ޕާޓީ ބަދަލު ކުރެއްވުމުގައި މި ދެންނެވި އެޖެންޑާ ހިންގަވާފައި އެބަ ހުއްޓެވެ. އަދި ބައެއް ޕާޓީތަކުގެ ލީޑަރުން އެވާހަކަ އާންމުކޮށް ދައްކަވާފައި ވެސް އެބަ ހުއްޓެވެ.

ސުވާލު އުފެދެނީ އެޖޭންޓުންގެ ގޮތުގައި އެހާ ގިނަ ބަޔަކު ޖޭޕީއަށް ހިނގައިދާނެތޯއެވެ. މި ސުވާލަށް ޖަބާވު ހޯދާލަން 'ދަ ޕްރެސް' އިން ކުރި މަސައްކަތުން މަންޒަރު ވަރަށް ބޮޑަށް ސާފުވެގެން ދިޔައެވެ.

"ޕާޓީ ދޫކޮށްލީ މާ ބޮޑެތި ކަންތައްތައް ދިމާވެގެން، ރައީސް ޔާމީނު ބޭނުންފުޅުވި ޕީއެންސީ އުވާލަންވެސް" ރޭ ޖޭޕީއަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވިއެވެ. އެކަން އިތުރަށް ޔަގީން ކޮށްދެއްވީ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާ ވިދާޅުވީ "ޕީއެންސީ އުވާލުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި" ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީގެ އިސް އާރުކާޓީގެ ބައެއް ބޭފުޅުން ޖޭޕީއަށް ސޮއި ކުރައްވަން ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފު | ދަ ޕްރެސް

ޕީޕީއެމް އައި ޕީއެންސީ

ރައީސް ޔާމީން އަކީ ޕީޕީއެމްގެ ރައީސް އެވެ. ޕީޕީއެމްގެ ދަރިއެއް ގޮތަށް އެޕާޓީގެ އަރިކަށިން ޕީއެންސީ އުފެދިގެން އައީ، ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދި މައްސަލަތަކެއްގެ ތެރޭގައި އޮތުމުންނެވެ. ލ. ފޮނަދޫ ދައިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިސްވެ ހުންނަވައި ޕީއެންސީ އުފެއްދެވީ ޕީޕީއެމް ގެއްލިދާ ކަމުގެ ބިރު އޮތް ވަގުތެއްގައި ނަމަވެސް ފަހުން ކޯޓުން ކުރި ހުކުމާއެކު ޕީޕީއެމްވެސް ރައީސް ޔާމީނަށް ލިބުނެވެ. އެއާއެކު ޕީއެންސީގެ ބޭނުން ކެނޑިގެން ދިޔައެވެ.

ދެ ޕާޓީގައިވެސް ތިބީ އެއް ބައެކެވެ. އެއް ލެޔެކެވެ. ތަފާތަކީ ބޮލުގައި އަޅާ ތޮތްޕެވެ. ބަސްމަގާއި ރާގު އެއްގޮތެވެ. އެހެންވީމައި ޕީއެންސީއެއްގެ ބޭނުންމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވާ ނަމަ އެއީ ހަމަ އެންމެ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ކުރެވެއެވެ.

ޕީއެންސީއެއް އޮތުމަކުން ވަކި އިތުރުވާ މެންބަރަކު ނެތެވެ. އެހެނަސް ދެ ޕާޓީއެއް އޮތީމައި އިދާރީ ހަރަދަކީ ހަމަ ގައިމުވެސް ހިނގާނެ ހަރަދެކެވެ. އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް އެނގިފައިވަނީ ޕީއެންސީ އުވާލުމަށް ރައީސް ޔާމީނު އިރުޝާދު ދެއްވީ ހަރަދުތައް ބޮޑުވުމާވެސް ގުޅިގެންނެވެ.

"ޕީއެންސީ އުވާލަން އެންގެވިކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަކަށް ގަބޫލެއް ނުކުރެވޭ" ޕީއެންސީގެ ނައިބު ރައީސް އަދި ލ. މާވަށު ދާއިރާގެ މަޖިލީސް މެންބަރު ވިދާޅުވިއެވެ. ސައީދުގެ ވާހަކައިން ގަބޫލު ކުރެވެނީ ޕީއެންސީ އުވާލުމުގެ ވާހަކަ އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޕީއެންސީ އުވާލުމަށް ރައީސް ޔާމީން އިރުޝާދު ދެއްވި ކަމަށް ބުނާ ވާހަކަ އިތުރަށް ޔަގީން ކުރުމަށް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަރިހުގައި އެހުމުން އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

ކަމުގެ ހަގީގަތް އޮތީ ކޮންމެ ގޮތަކަށް ކަމަށް ވިޔަސް، ދެ ޕާޓީގެ އިސް އާރުކާޓީގެ ގިނަ ބަޔަކު ޖޭޕީއާ ގުޅިއްޖެއެވެ. އެއީ ކުޑަކަމެއްގެ ގޮތުގައި ސިފަ ކުރަން މަސައްކަތް ކުރިއަސް ސިޔާސީ ގޮތުން ބަލާއިރު އެއީ އެ ދެޕާޓީގެ އާންމު މެންބަރުންނާއި ޕާޓީއާ ގުޅެން ވިސްނައިގެން ބަޔަކު ތިބިއްޔާ އެބަޔު އިތުރަށް މާޔޫސްވާނެ ކަމެކެވެ.

ޕީޕީއެމް އަދި ޕީއެންސީގެ އިސް އާރުކާޓީގެ ބައެއް ބޭފުޅުން ޖޭޕީއަށް ސޮއި ކުރައްވަން ބޭއްވި ހަފްލާގެ ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ / ފޮޓޯ: ހަސަން އަތޫފު | ދަ ޕްރެސް

ޖޭޕީން މަރުހަބާ ކިއިތަ؟

ސިޔާސީ ގޮތުން ޖޭޕީއަކީ މުހިންމު ޕާޓީއެކެވެ. ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމް ބޭނުންފުޅުވާ ގޮތަކަށް 'ކަން ނިންމާ' ޕާޓީއެއް ނަމަވެސް، ސިޔާސީ ގޮތުން ލެނގިލަން ހަމަ ރަނގަޅު 'ގަހެއް' އެވެ. އަދި ޕާޓީއެއް ނުވަތަ ސިޔާސީ ބޭފުޅަކު ވެއްޓިގެންދާ ހާލަތުގައި ވިއްދާލަން ރަނގަޅު 'ކައްތިރި' އެކެވެ.

ރޭ ޕީޕީއެމާއި، ޕީއެންސީގެ އިސް ބޭފުޅުންކޮޅެށް ޖޭޕީއަށް ސޮއި ކުރެއްވި އިރު، ޖޭޕީގެ ލީޑާޝިޕްގެ އިސް ފަރާތްތައް އެ ހަފްލާއަކުން ނުފެނެއެވެ. އެބޭފުޅުން ވަޑައެއް ނުގަންނަވައެވެ. ޑެޕިއުޓީ ލީޑަރުންނެއްވެސް، މިނިސްޓަރެއްވެސް އަދި މަޖިލީސް މެންބަރެއްވެސް ރޭގެ ބައްދަލުވުމުގައި ނެތެވެ. ސުވާލަކީ އެބޭފުޅުން ޕީޕީއެމް އަދި ޕީއެންސީން ވަޑައިގެންނެވި ފަރާތްތަކަށް މަރުހަބާ ނުދަންނަވަނީ ތޯއެވެ.

ރޭ ސޮއިކުރުން ކުރިއަށް ދިޔަ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ދެއްކެވި ވާހަކައަށް ބަލާނަމަ، އެކަން ވީ އެހެންނެވެ. ޖޭޕީގެ ލީޑަރު ގާސިމު ވިދާޅުވީ، އަނެއްކާވެސް ބޭރުން ބަޔަކު އައިސް ޕާޓީ ތެރެއަށް ވަދެގަންނަނީ ކަމަށް އެޕާޓީގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަކީ، މިހާރު ޕާޓީގައި، އެކިއެކި މަގާމުތަކުގައި ތިއްބެވި ފަރާތްތައް ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށް ގާސިމު ވިދާޅުވިއެވެ.

ގަބޫލު ކުރެވެނީ ރޭ ޕީޕީއެމް އަދި ޕީއެންސީން ވަޑައިގެންނެވި ޓީމަށް ޖޭޕީގެ ލީޑާޝިޕުން މަރުހަބާ ވިދާޅު ނުވާކަމަށެވެ. 'ހުރިހާ ތަނަކަށް ހެޔޮވަރުކޮށް ހުންނަވާ' ގާސިމް އިބްރާހިމް ފިޔަވައެވެ.