އިސްލާމީ ގައުމުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރަމުން ދަނީ އަލަށް ނޫން ކަމަށާ މިއަދުވެސް ދުނިޔޭގެ އިސްލާމީ ބޮޑެތި ގައުމުތަކުގައި އަންހެނުން ފަނޑިޔާރު ކަމަށް އިސް ކޮށްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނާ ހަވާލާދީ އެމަނިކުފާނުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑޮނީޝިޔާ، ސޫދާން ފަދަ ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި މިހާރުވެސް އަންހެން ބޭފުޅުން ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މެލޭޝިޔާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކީވެސް އަންހެން ބޭފުޅެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި ކުރީގެ މަޝްހޫރު އިލްމުވެރިންނާއި މިހާރުގެވެސް މަޝްހޫރު ދީނީ އިލްމުވެރިން އިއްތިފާގުވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަމުގެ މަގާމު ފުރުމަކަށް އިސްލާމްދީނުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

މި ބަޔާނުގައި ރައީސް މައުމޫންވެސް ވަނީ ބައެއް ދަލީލުތައް ހިމަނުއްވާފައެވެ. އެގޮތުން ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކާއި ބައެއް ފަތުވާތަކާއި އިލްމުވެރިންގެ ބައެއް ރައުޔުތައް އެމަނިކުފާނުވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ޝަރުއީ ދަލީލުތައް އެހާމެ ސަރީހަކޮށް ހުރުމާއެކު، އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ތަފާތެއް ގެންގުޅުމަކީ، ދީނީގޮތުން ބަލާއިރު ހުއްދަވާނެކަމެއް ކަމަކަށް ފެނިވަޑައިނުގަންނަ ކަމަށެވެ.

އެކިއެކި މަގާމުތަކާއި ވަޒީފާތައް ދިނުމުގައި ބަލަންޖެހޭނީ، އެކަމަކަށް މީހާގެ ކުޅަދާނަކަމާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށާއި އެމީހަކަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އަދި އެމީހާގެ ތައުލީމާއި ސުލޫކާއި، އަހްލާގުގެ މައްޗަށްވެސް ބަލަންވާނެ ކަމަށް ރައީސް މައުމޫންގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، ވަކި ޒަމާންތަކެއްގައި އަންހެނުންނަށް ވަކި ކަހަލަ މަގާމުތަކެއް ހަވާލު ކުރެވިފައި ނުވަނީ، އެޒަމާންތަކުގައި އަންހެނުންނާމެދު އަޅާނުލެވި ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުވެސް ނުލިބި ދިޔުމުގެ ސަބަބުން މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެތީ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އޭރު އެފަދަ މަގާމުތައް އަދާ ކުރުމުގެ ފުރުސަތު އަންހެނުންނަށް ނުދިނީ އެއްވެސް ހާލެއްގައި ތަބައީ ގޮތުން އަންހެނުންގެ ކިބައިގައި ނާގާބިލު ކަމެއް ނުވަތަ އުނި ސިފަތަކެއް ހުރެގެން ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މ. ސީނާ ޑރ. އަޒްމިރަލްޑާ ޒާހިރު އަދި މ. ކޮކާހަނދުވަރު، އަލްއުސްްތާޒާ އައިޝާ ޝުުޖޫން މުހައްމަަދު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އެކަމުގެ ދީނީ ގޮތުން އެތައް މައްސަލަތަކެއް އުޅޭ ކަމަށްބުނެ އިލްމުވެރިންތަކެއް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިއަދުގެ ވަގުތެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ވެސް ވަނީ އެ ދެބޭފުޅުން އެ ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސަށް ލަފާ ދެއްވާފައެވެ.