އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްޑާ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވުމާ ގުޅިގެން އެ ދެ ބޭފުޅުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ލަފާ ދީފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި އަދި ރައީސް ސޯލިހު ފޮނުއްވި ދެ ނަންފުޅު ދިރާސާ ކުރުމަށް އެކުލަވާލި ކޮމެޓީ މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާއަށް ބަލައިގެންފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހު ހުށަހެޅުއްވި ދެ ނަންފުޅު އައްޔަން ކުރުމަށް އެ ކޮމިޝަނުން ލަފާ ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަޒްމިރަލްޑާއަކީ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރުގެ ދަރިކަނބަލުން އަޒްމިރަލްޑާއަކީ އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ކަމުގެ ކުރިން ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރެއްވިއެވެ.
ޝުޖޫނަކީ މީގެކުރިން ސިވިލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި ބޭފުޅެކެވެ. މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ނިންމާފައިވާތީ ދީނީ އިލްމުވެރިން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެއީ އިސްލާމްދީނާއި މުޅިން ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.