އއ. ތޮއްޑޫ ދޯންޏެއްގައި މަހަށް ނުކުމެ އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ.

"ދަޕްރެސް"އަށް މައުލޫމާތު ލިބުނު ގޮތުގައި މި މީހާ މަރުވީ ހއ. ތުރާކުނު ހަ މޭލު ބޭރު މިނުގައި ދޯނި އޮއްވައެވެ. އަދި އެމީހާ ވަގުތުން ވަނީ ތުރާކުނަށް ގެންގޮސްފައެވެ.

ތުރާކުނު ކައުންސިލުގެ ނާއިބު ރައީސް ތޯހާ އަލީ "ދަޕްރެސް"އަށް ވިދާޅުވީ މަސް ދޯނި މަހަށް ނިކުމެ އުޅޭތާ ފަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ތޯހާ ވިދާޅުވީ އެ މަސް ދޯނީގައި އެމީހާއާ ގުޅޭ އެއްވެސް ލިޔެ ކިޔުމެއް ވެސް ނެތް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މަހަށް ނިކުމެ އުޅުނު ދޯންޏަކުން ބިދޭސީއެއް މަރުވިއިރު ކަނޑުމަތީގެ އެކި ހާދިސާތަކުގައި ތަފާތު އެކި ހިތާމަވެރި ހާދިސާތައް އަންނަނީ މަދުން ނަމަވެސް ހިނގަމުންނެވެ. އެހެންކަމުން ކަނޑަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އަބަދުވެސް އިލްތިމާސް ކުރަމުންނެވެ.