ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ބެހޭ މައްސަލާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ދެ ނަމެއް ފޮނުއްވުމާ ގުޅިގެން، މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަކަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ، "މިހާރުވެސް 10 އަންހެން ފަނޑިޔާރުން އެބަތިއްބެވި ކަމަށާއި، އޭރު އެ 10 ފަނޑިޔާރުން އައްޔަން ކުރެވިގެން ދިޔައިރަކު އުޑުބޮލަށް ވެއްޓިގެންނެއް ބަޔަކު ނޫޅޭ" ކަމަށެވެ.

ހިސާން ވިދާޅުވީ، އަންހެނަކަށް ވީތީ، ފަނޑިޔާރު ކަމަށް އެމީހެއްގެ ނަން ނުފޮނުވައިފިނަމަ ހަގީގަތުގައި އެއީ ރައީސް ކުރައްވާ ގާނޫނާ ހިލާފު ކަމަކަށް ވެގެން ދާނެ ކަމަށް ވިދާޅުވެ ހިސާން ވަނީ ގާނޫނު އަސާސީގައިވާ ބައެއް މާއްދާތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން، ހައްގުތަކާ މިނިވަންކަން ލިބުމުގައި އެމީހެއްގެ ޖިންސަށް ބަލާ ތަފާތު ކޮށްގެން ނުވާނެ ކަމަށާއި ގާނޫނުން ލިބިދޭ މަންފާތައް އެންމެންނަށް ހަމަހަމަކަމާ އެކު ލިބިދޭން ޖެހޭ ކަމަށާ އަދި އިހްތިޔާރު ކުރާ ކޮންމެ މަސައްކަތެއް ކުރުމުގެ ހައްގު ކޮންމެ މީހަށް ލިބިދޭން ޖެހޭ ކަން ވެސް ހިސާން ވަނީ ފާހަގަ ކުރައްވާފަވެ.

މިއީ ޗިކަން ލިކަންގެ ވާހަކައެއް ނޫން، އަޅުގަނޑުމެން ނުތިބޭނަން ޓޯރާ ބޯރާގެ ހޮހޮޅައެއްގެ ތެރެއަށް ވަނދެ ފިލައެއް
ހިސާން

އަންހެނުންނަށް އެމީހުން ބޭނުންވާ ކޮންމެ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެން ވާއިރު، އަންހެނުންނަށް ފަނޑިޔާރުކަން ވެސް ކުރެވޭނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ، މިކަމަކީ "އުޑު ބޮލަށް ވެއްޓިގެން އުޅޭ ވަރު ކަމަކަށް" ހެދިޔަސް، މިއީ "ޗިކަން ލިޓްލް" ކިޔާ ކުޑަކުދިންގެ ވާހަކަ ނޫން ކަމަށެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ، ފަނޑިޔާރުންނަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި، ފިރިހެނަކަށްވުން ބަޔާންކޮށްފައި ނެތް ކަމަށާ، ފަނޑިޔާރުކަން ކުރެވޭނީ ފިރިހެނުންނަށް އެކަނި ނޫން ކަމަށް މީގެ ކުރިން ވެސް މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ކުއްލި މައްސަލަ ހުށަހަޅާ ބަހުސް ކުރަމުން މިދަނީ މާކުރިން ނިމިފައި އޮތް ބަހުސަކަށް ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، ސާފު ދަލީލެއް ނެތް ކަމެއްގައި ތިމާ ދެކޭގޮތް ތިމާ ރުހޭ ގޮތް ނުވަތަ ތިމާ ބޭނުންވާ ގޮތަކީ ހަމައެކަނި ގޮތް ކަމަށް ބަލައި ދެކި، އަނެއް ގޮތަކީ ނުވަތަ އެހެން މީހުން ދެކޭ ގޮތަކީ ހަރާން ކަމެއް ކަމުގައި ދެކުމަކީ އަމަލުކޮށްގެން ވާނެ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.