އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުނެ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބަޔާނެއް ނެރެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ދެ ނަމެއް ފޮނުއްވުމާއި ގުޅިގެން، ކުއްލި މައްސަލައެއް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނިކޮށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ތެރެއިން މެންބަރުންނަށް ބަހުސް ކުރެއްވުމަށް ފުރުސަތު ދެއްވައި، އެހެން މެނެބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ހަގީގަތުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައި ނުވާ ކަމަށެވެ. އަދި އެބޭފުޅުންގެ ނިންމުމަކާ ގުޅޭގޮތުން މީޑިއާގައި އޮތް ހަބަރެއް މަޖިލީހުގެ އިދާރާއަށް ފެންނަން އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި މަޖިލިސް އަޑުއައްސަވާ ބޭފުޅުން ވެސް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިކަމާ ގުޅޭގޮތުން ބަޔާނެއް ނެރިފައިވާނަމަ އެކަން މަޖިލީހަށް އަންގާލަދިނުން އެދެން،"
ނަޝީދު

ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބަޔާނެއް ނެރެފައި ނުވި ނަމަވެސް "އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް" މި މައުޟޫއަށް މިދިޔަ މަހުގެ 9 ވަނަ ދުވަހު އެ މަޖިލީހުން ވަނީ ފަތުވާއެއް ނެރެފައެވެ.

ނަމަވެސް މި މައްސަލައިގައި މީގެ ކުރިން ނަޝީދު ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމެވީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންގެ ބަސް ހޯއްދެވުމަށް ފަހު ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު ހުށަހެޅުއްވި ދެ އަންހެން ފަނޑިޔާރުންނަކީ އެ މަގާމަށް ގާބިލު ފުންނާބު އުސް ދެ ބޭފުޅުން ކަމަށްވެސް ނަޝީދުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ފަތުވާ މަޖިލީހުން، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައިި ހުއްދަ ނޫންކަމެއް ކަަމަށް ވިދާޅުވެ ތިން ރައުޔެއް ނެރެފައިވެއެވެ.

އެގޮތުން ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ހަވާރިޖުންގެ ތެރޭގައި ހިމެނީ އިބާސީންގެ ރައުޔެވެ. އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޒިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެކެވެ.

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރައުުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރައުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށާ މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ.

އަދި އެއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީ ކަމަށް ނިންމުމުގައި ވެއެވެ. އެއީ ޖުމްހޫރު އިލްމުވެރިންގެ ރައުޔު ކަމަށް ބުނެފައިވެއެވެ.