ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ލަނީ ދީނީ އިލްމުވެރިންގެ ބަސް ހޯއްދެވުމަށް ފަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން ހިޔާލު ތަފާތުވެ، ބަހުސްތައް ކުރެވެމުން ދާ މި ދަނޑިވަޅުގައި ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިވަޑައިގެންފައި ވުމުން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ނިންމެވީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިލްމުވެރިންގެ ބަސް ހޯއްދެވުމަށް ފަހު ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު ހުށަހެޅުއްވި ދެ އަންހެން ފަނޑިޔާރުންނަކީ އެ މަގާމަށް ގާބިލު ފުންނާބު އުސް ދެ ބޭފުޅުން ކަމަށްވެސް ނަޝީދުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައި ވާއިރު އެ ދެ ނަންވެސް އެ ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.

މި މައްސަލާގައި ރާއްޖޭގެ ދީނީ އިލްމުވެރިން ގެންދަވަނީ އެކަމަކީ ސީދާ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ކަމެއް ކަމަށް ވިދާޅުވަމުން ގެންދަވާ އިރު އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ހިލާފުވާ ކަމެއް ނޫން ކަމަށް އެމްޑީޕީން ވަނީ މިރޭ ބުނެފައެވެ.