ޝަރުއީ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް އާންމު އަފުރާދުންގެ މެދުގައި ވާހަކަތައް ނުދެއްކުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން މިގޮތަށް ގޮވާލާފައި މިވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންހެން ދެ ފަނޑިޔާރެއްގެ ނަން ދިރާސާ ކޮށް އެކަމުގެ ލަފައަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އަންހެނަކު ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ ކަނޑައެޅިގެން އިސްލާމީ ޝަރީއަތާ މުޅިން ހިލާފު ކަމެއް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިންވެސް ބުނަމުންދާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިންވެސް ހިމެނެއެވެ.

އަދާލަތު ޕާޓީން މިއަދު ވަނީ މިކަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިސް އެއް ކުރުމަށްފަހު، އެކަމުގައި މަޝްވަރާތަކެއްކޮށް އެކަމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި ބަހުސް ކުރެވެމުންދާ މައްސަލައަށް އެޕާޓީން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ބައެއް އިލްމުވެރިންނާއި ފަތުވާ މަޖިލިސްތަކުން ނެރެފައިވާ ރައުޔުތަކާއި ފަތުވާތަކާއި ދަލީލުތައް ހިމަނާފައިވެއެވެ. ނަމަވެސް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އަދާލަތުން ގޮވާލާފައި މިވަނީ ކޮން ބަޔަކާއި ދިމާލަށް ކަމެއް ނޭނގެއެވެ.

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީޙުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގައުމެއްގެ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަން ކުރުމަކީ އިސްލާމީ އުންމަތުގެ ދަންނަ ބޭކަލުންގެ މެދުގައި ރައުޔު ތަފާތުވެ އިޙްތިލާފް އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ދިރާސާކޮށް އަދި މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި، އާންމު ކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސްތަކާއި ފަތުވާތަކައް ބަލާއިރު އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރުމަކީ މުތުލަގުކޮށް ހުއްދަ ކަމެއް ނޫންކަމަށެވެ. އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނަކު ފަނޑިޔާރުކަމަށް ގެނައުމަކީ ހުއްދަކަމެއް ނޫން ކަމަށާއި، އަދި އެފަދަ ފަނޑިޔާރެއް އައްޔަންކޮށްފިނަމަ އެ ފަނޑިޔާރު ކުރައްވާ ހުކުމަކީވެސް ބާތިލު ހުކުމެއްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމަށް ބާރު ދިނުމަށް މި ރައުޔު ނެރުއްވި އިލްމުވެރިން ނަންގަވާފައިވާ ދަލީލުތަކާއި އެ ދަލީލުތަކުން އިސްތިންބާތު ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ސޫރަތުއް ނިސާގެ ފަސް ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ "ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ގާއިމްވެގެން ތިބޭ ބައެކެވެ. އެއީ އަހުރެން އެބައެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ." މި ބަސްފުޅު ހިމެނާފައި ވެއެވެ.

މީގެ އިތުރަށް އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި، އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަދި ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަ ކަމެއް ކަމަށެވެ. އެއްވެސް ގައިދެއް އިސްތިސްނާއެއްނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށް ވާރިދުވެފައިވަނީ ކުރީގެ އިލްމުވެރިން ކުރެ ވަރަށް މަދު އިލްމުވެރިންތަކެއްގެ އަރިހުންނެވެ.

އަދާލަތު ޕާޓީން ބުނީ އުއްމަތުގެ އިލްމުވެރިންގެ މެދުގައި އިހްތިލާފް އުފެދިފައިވާ މިފަދަ މައްސަލަތަކުގައި އާންމު އަފްރާދުންނާއި އިލްމުވެރިން އަމަލުކުރަން ޖެހޭގޮތް، ވަނީ މިއުންމަތުގެ މުޖްތަހިދު އިލްމުވެރިންނާއި، އިމާމުންގެ ކިބައިން ފެނި ބަޔާންވެފައި ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އިލްމުވެރިންގެ މެދުގައި ހިޔާލު އުފެދިފައިވާ މައްސަލަތަކުގައި ހިޔާލު ތަފާތުވެ ހާލަތްތަކުގައި އަމަލުކުރުން އޮތްގޮތަކީ އަނެކާގެ ރައުޔަށް އިހުތިރާމް ކުރުމާއި، ކީރިތި ގުރުއާނާއި، ސައްހަ ހަދީސާއި، އިލްމުވެރިންގެ އިޖްމާއާއި، ދެންވެސް ހުރި ޝަރުއީ މަސްދަރުތަކުން މައްޗަށް ބިނާކޮށް ހައްގަށް ވަސީލުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެހެންކަމުން މިފަދަ މައްސަލަ ތަކުގައި އަފްރާދުންގެ މެދުގައި ނަފްރަތު އުފެދި މުޖްތަމައު ބައިބައިވެ، ޝަރުއީ މައްސަލައިގެ ކަންކަން އޮޅޭގޮތަށް ވާހަކަ ދައްކައި ހަބަރު ފެތުރުމުން އެންމެން އަފްރާދުންނާއި ވަކިން ހާއްސަކޮށް މީސްތަކުން އެބޭފުޅުންގެ ބަސްތަކަށް އިހްތިރާމްކުރާ ބޭފުޅުން ދުރުހެލިވާންޖެހޭ ކަމަށް އަދާލަތް ޕާޓީއިން ބުނެއެވެ.