ވަގުތު ހަމަވިއިރު ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން ހުސްވެފައި އޮތް ދެ ޖާގައަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފުރުސަތު ހުޅުވާލީ އިއްޔެއެވެ. އަދި އެ މުއްދަތު މިއަދުގެ މެންދުރު 12 އަށް ވަނީ ހަމަވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ.

މި ބޭފުޅުންގެ ތެރެއިން އަަބްދުﷲ ހަމީދުވަނީ މަދަނީކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އަދި އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރެއްވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަދުވަހުއެވެ.

އަލީ ސަމީރު ވަނީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރުކަމާ ހާއްސަ ގާޒީ ކަމާ، އާއިލާބެހޭ ކޯޓުގެ ގާޒީ ކަމާ، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްގާޒީކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒުވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މި ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ކުރިމަތިލައްވާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންެހެން ދެ ބޭފުޅެއްގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންފައެވެ. އެ ދެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން އާއި ހައިކޯޓުގެ ކުރީގެ ގާޒީ ޑރ. އަޒްމިރަލްޑާ ޒާހިރެވެ.