ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ވާރިސުންގެ ހައްގަށް ސުޕްރީމް ކޯޓުން އަރައިގެންފައިވާ ކަމަށާ، އެކަން ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގައި ހުކުމެއް އިއްވާފައިވާ ހުމާމްގެ މައްޗަށް މަރުގެ ހުކުމް ނުއިއްވުމަށް އެދި ޑރ. އަފްރާޝީމްގެ ވާރިސުން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ރަސްމީގޮތެއްގައި ސިޓީ ސުޕްރީމް ކޯޓަށް ފޮނުވާފައި ވަނިކޮށް އަދި އެ ޝަރީއަތް ހިނގަމުން ދިޔައިރު ވެސް ކޯޓުގެ ކައުންޓަރު ކައިރީގައި އެ މައްސަލައިގައި ގޮސްފައި ވަނިކޮށް އަދި މީޑިއާގައި ވެސް އެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް އިސްލާމީ ޝަރީއަތާ ހިލާފަށް ހުމާމް މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

"ވާރިސުންނަށް ލިބިގެންވާ ހައްގެއް އިސްލާމީ ޝަރީއަތުގައި މީހަކު ނުމެރުމަށް އެންގުމުގެ ހައްގަކީ. މި ހައްގަކީ އިސްލާމީ ޝަރީއަތުގެ މި އުސޫލާ ހިލާފަށް ސުޕްރީމް ކޯޓުން އަމަލުކޮށްފައިވޭ،"
އިންތި

އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ގާނޫނުތަކާއި، ގާނޫނު އަސާސީއާއި ޑިމޮކްރަޓިކް ނިޒާމްތަކުގައި އަމަލުކުރެވޭ އުސޫލުތަކާ ހިލާފަށް އެ ބާރުތައް ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެކިއެކި މާއްދާތައް ބާތިލްކޮށް ހުމާމް މެރުމަށް ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަމަށް އިންތި ވިދާޅުވިއެވެ.

ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖެނުއަރީ 16، 2014 ގައެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމަށް ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ. ސުޕްރީމް ކޯޓުން މި ހުކުމަށް ތާއިދު ކޮށްފައިވަނީ ޖޫން 24، 2016 ގައެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ އޮކްޓޯބަރު 1، 2012 ވަނަ ދުވަހުގެރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް އަރާ ވަދެވަޑައިގަންނަވަނިކޮށެވެ.