ގިނަ ވަގުތު މަޖިލިސް މެންބަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރުޅި ދުރުވެއްޖެއެވެ.

މިއަދުގެ މަޖިލީސް ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރިޔާސަތުން އިއްވާ އިއްވުންތައް އިއްވަވަމުން ގެންދަވަނިކޮށް، ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ މަޖިލިސް މެންބަރުން ރެއާ ދުވާލު މަޖިލީހުގައި މަސައްކަތް ކުރައްވަން ޖެހި ވަޑައިގަންނަވަނީ ކީއްވެތޯ އައްސަވާ ސުވާލު ކުރައްވާފައެވެ. އެގޮތުން ޖާބިރު ވަނީ ތަކުރާރުކޮށް ގައުމު އެމަޖެންސީ އަށް ދިޔައީތޯ ވެސް އައްސަވާފައެވެ.

ޖާބިރު މި މޭރުމުން ވާހަކަ ދެއްކެވީ، ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. ފިނޭންސް މިނިސްޓްރީން އިތުރަށް ފައިސާ ހޯދުމަށް އެދިފައި ވަނީ 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ބުނެ މަޖިލިސް ރައީސަށް ލިޔުނު ސިޓީ އަކުންނެވެ. މި ހުށަހެޅުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއާ މާލިއްޔަތު ކޮމިޓީ ގުޅިގެން ހެދޭ ކޮމިޓީ އަކުން، ބަޖެޓު އިތުރު ކުރުމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، މާދަމާ އެ ރިޕޯޓް މަޖިލީހަށް ހުށަހެޅާނެ ކަމަށެވެ. އަދި މާދަމާ ރޭގެ ނިޔަލަށް އެ ރިޕޯޓަށް އިސްލާހު ހުށަހަޅާ، މާދަމާރޭ އެ ރިޕޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ބަޖެޓު އިތުރު ކުރުމާ ބެހޭ ރިޕޯޓަށް ރެއާ ދުވާލު މަސައްކަތް ކުރެއްވުމަށް މަޖިލިސް ރައީސް އެދިވަޑައިގަތުމާ ގުޅިގެން ޖާބިރު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ ވަކި އުސޫލެއްގެ މަތިން ކަމަށާ، ދައުލަތް ފެއިލް ވީމައި، ދައުލަތް ޑިފެންޑް ކުރުމަށް 24 ގަޑި އިރު މެންބަރުން ލައްވައި މަސައްކަތް ކުރުމަކީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ދެކި ވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކަށް ވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، ދައުލަތް ފެއިލް ވުމަކީ މެންބަރުންނާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުން ބަޖެޓު މަޖިލީހަށް ހުށަހެޅީ ކީއްވެތޯ އަހާ ސުވާލު ކުރައްވަމުން ޖާބިރު ވަނީ ރައީސް ނަޝީދު ގައުމު އެމަޖެންސީކޮށް ހިންގަވަން އުޅުއްވަނީ ކީއްވެގެންތޯ ވެސް އައްސަވާފައެވެ.

ޖާބިރު ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ، އެއްވެސް ހާލެއްގައި ގައުމު އެމަޖެންސީއަށް ދިޔައީ ނޫން ކަމަށާ، ކުރައްވަން ޖެހިވަޑައިގެންފައި ހުރި މަސައްކަތްތައް ނިންމާލެވޭތޯ މަސައްކަތް ކުރައްވަނީ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އާދައިގެ އިންސާނަކު އާދައިގެ މިންވަރަކަށް މަސައްކަތް ކުރާ އިރު ކުރާނީ މަޖިލީސް މެންބަރުން މަސައްކަތް ކުރާ މިންވަރަށް ކަމަށެވެ.

ރައީސް ނަޝީދާއި ޖާބިރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ވެފައި ވާއިރު، މީގެ ކުރިން ވެސް ޖާބިރާއި ރައީސް ނަޝީދާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކޮށްފައި ވެއެވެ.