ގާނޫނުން ލިބިދީފައި ނުވާ ބާރުތައް ސްޕްރީމް ކޯޓުން ބޭނުން ކޮށްގެން އެތައް ކަމެއް ނިންމި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

ޖޭއެސްސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެ ކޯޓުން ބައެއް ސާކިއުލާތަކާއި އިއުލާންތައް ނެރެގެން ގާނޫނު އަސާސީން ލިބިދީފައިނުވާ ބައެއް ބާރުތައް ބޭނުން ކޮށްފައިވާ ކަމަށެވެ. ޖޭއެއްސީއިން ބުނީ އެ ރިޕޯޓަކީ ސުޕްރީމް ކޯޓުން، އެ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީސް އަދި އެހެނިހެން މުއައްސަސާތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެ.

ޖޭއެއްސީގެ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުން ސޮއިކޮށް އާންމުކުރި އެ ރިޕޯޓުގައި 17 މައްސަލައެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޖޭއެއްސީގެ އެ ރިޕޯޓުގައިވެއެވެ.

އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލައި ވަކިގޮތެއް އަންގަންދެން އެފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން އެންގުމުން ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް، ގާނޫނުއަސާސީއިން ކަނޑައަޅާފައިވާ އިމުގެ ބޭރުން ނުފޫޒު ފޯރުވޭގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަކެއް ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކުރި ސުޕްރީމް ކޯޓުން ހިލާފުވި ކަންކަން:

  • ރައްޔިތުންގެ މަޖިލީހާއި ޖޭއެއްސީއަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، މަޖިލީހާއި ޖޭއެއްސީގެ މަސައްކަތަށް ހުރަސްއެޅުން،
  • ޖޭއެއްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އުވާލައި އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން ހަވާލުވުން،
  • ކޯޓު ތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާއަށް އުވާލުން،
  • ވަކީލުންގެ ކަންކަން ރެގިއުލޭޓް ކޮށް ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
  • ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓު ތަކުގައި މަސައްކަތް ކުރުން މަނާ ކުރުން،
  • ދަށު ކޯޓު ތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވާއިދެއް ހަދައި، ގާނޫނުގެ ދަށުން ޖޭއެއްސީއަށް ދީފައިވާ ބާރުތައް ނެގުން،
  • ޖޭއެއްސީގެ ގާނޫނާއި ހިލާފަށް ފަނޑިޔާރަކު މަސްއޫލިޔަތުތަކާއި އެކަހެރިކުރުން،
  • އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވާކަމަށް ނިންމާ މަގާމުން ވަކިކުރުން،
  • ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުުރުން،
  • ސުޕްރީމް ކޯޓުން އިސްނަގައިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ކަނޑުވާލައި އެ ކޮމިޝަނުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުން،
  • ފަނޑިޔާރުންގެ ފެންވަރުގެ ވަޒަންކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެއްސީއަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުން،
  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރުމުން މެމްބަރު ކަމުން ވަކި ވާނެ ކަމަށް ކަނޑައެޅުން،
  • 1 ފެބްރުއަރީ 2018 ގައި ކުރި އަމުރުގެ ބައިތައް ސުޕްރީމް ކޯޓުން ބާތިލްކުރުން،
  • ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓު ތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން ހިމެނެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުންތައް ނިންމުމުގައި ބައިވެރިވި ފަނޑިޔާރުންގެ ނިންމުންތަކަކީ މިނިވަން ކަމާއެކު، ވަކިފަރާތަކަށް ނުޖެހި ގާނޫނުއަސާސީއާ ގާނޫނުތަކަށް ތަބާވެ، ތައައްސުބުން އެއްކިބާވެ ތިބެ މުސްތަގިއްލުކަމާއެކު ގާނޫނުއަސާސީއާ ގާނޫނުތަކުގެ އިމުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުފެންނަ ކަމަށެވެ.