ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް، ހިތުގެ ބަލިތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ޕާކިސްތާނު ސަރުކާރުގެ ދެ ހޮސްޕިޓަލަކުން އިންކާރުކޮށްފިއެވެ.

ޕާކިސްތާނުގެ ޕަންޖާބު ޕްރިޒަންސް ޑިޕާޓްމަންޓްއިންވަނީ ކުށްލި ހާލަތެއް މެދުވެރިވެ، ސިއްހީ އިތުރު ފަރުވާ ދިނުމަށްޓަކައި އެހެން ހޮސްޕިޓަލަކަށް ނަވާޒް ބަދަލުކުރަން ޖެހިދާނެ ހިނދެއްގައި ބޭނުންކުރުމަށްޓަކައި ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެމްބިއުލާންސްއެއް އެ ސްޓޭޝަނަށް ފޯރުކޮށްދިނުމަށް އެދިފައެވެ. މިފަދަ ކަމަކަށް އެ ހޮސްޕިޓަލުން އެދެން ޖެހުނީ އެ ހޮސްޕިޓަލުގެ އެދުމަށް ފޮނުވާ އެމްބިއުލާންސްތަކަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ނުވާ އެމްބިއުލާންސްތަކަކަށް ވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ހާއްސަ އެމްބިއުލާންސްއަކީ ކާޑިއެކް އެރެސްޓެއްގައި އޮންނަ ބަލި މީހާގެ ހިތަށް ކަރަންޓް ޝޮކް ދެވޭ އާލާތްތަކާ، ހިތުގެ ހިނގުން މޮނިޓާ ކުރެވޭނެ އިންތިޒާމާ، ވެންޓިލޭޓަރާ އީސީޖީގެ ޚިދުމަތްވެސް ލިބެން ހުންނަ އެމްބިއުލާންސްއަކަށް ވުމަށް ޕަންޖާބު ޕްރިޒަންސް ޑިޕާޓްމަންޓްއިންވަނީ އެދިފައެވެ. ނަމަވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕާކިސްތާނުގެ ސަރުކާރުގެ ދެ ހޮސްޕިޓަލަކުން އިންކާރުކޮށްފައިވަނީ، މަތީ ފެންވަރުގެ އިއްޒަތްތެރިންނާ އެ ބޭފުޅުންގެ އާއިލާ މެމްބަރުންގެ ސިއްހީ ކަންކަމަށް ހިނގާ ޚަރަދުތައް ބޮޑުވަމުންދާތީ ކަމަށް ޚަބަރު ލިބެއެވެ.

"ޕެނަމާ ޕޭޕާޒް"އިން ފެންމަތިވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރެއިން ތުހުމަތެއްގައި 7 އަހަރުގެ ޖަލު ހުކުމެއްގައި ބެދިވަޑައިގެން، ނަވާޒް ޝަރީފު ޖަލު ހުކުމް ތަންފީޒުކުރައްވަން ފައްޓަވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ލާހޯރްގެ ޖަލެއްގައެވެ. ނަވާޒްއަކީ ސިއްހީ އެކި ކަހަލަ އާލާސްކަންފުޅު ތަހައްމަލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.