ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅުއްވަނިކޮށް ހިފެހެއްޓި ދުވަސްވަރު، އެމަނިކުފާނަށް ރާއްޖެއިން ބިރު އޮތް ކަމަށް ބުނެ ބަޔާން ނެރުނު ބައިނަލްއަގްވާމީ ވަކީލުންގެ ޓީމަކީ އެމަނިކުފާނުގެ ވަކީލުންގެ ޓީމެއް ނޫން ކަމަށް އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ވަކީލަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، އަދީބު ވަނީ ރާއްޖެއިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅުއްވަނިކޮށް ހިފެހެއްޓި ދުވަސްވަރު، އެމަނިކުފާނަށް ރާއްޖެއިން ބިރު އޮތް ކަމަށް ބުނެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބަޔާން ނެރުނީ އެމަނިކުފާނާ މަޝްވަރާ ކުރުމަށް ފަހު ނޫން ކަމަށާ، އެ ޓީމަކީ ސީދާ އެމަނިކުފާނުގެ ވަކީލުންގެ ޓީމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އަދީބު ވަނީ، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ހިސާބުން ފެށިގެން އެ ޓީމުން ނެރެމުން އައި ބަޔާންތައް ނުނެރުމަށް ބުނެ، އެކަން ހުއްޓުވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމު ކަމަށް ބުނާ ޓީމު ކަމަށް ބުނާ ޓީމުން ނެރުނު ބަޔާނެއްގައި، އަދީބު ރާއްޖެއަށް އަލުން ފޮނުވާލުމަކީ އިންޑިއާއަށް ކުރެވޭނެ ގާނޫނާ ހިލާފު ކަމެއް ކަމަށާ، އެކަމުން އެ ގާއިމު ކުރަނީ ރައްކާތެރިކަން ހޯދުމަށް އެހެން ގައުމުތަކަށް ދާ އެހެން ފަރުދުންނަށް ވެސް ވަރަށް ނުރައްކާތެރި މިސާލެއް ކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖެއަކީ އަދީބަށް ރައްކާތެރި ތަނެއް ނޫން ކަމަށާ، މީހެއްގެ ފުރާނައަށާއި މިނިވަން ކަމަށް ނުރައްކާތެރި ތަނަކަށް އޭނާ ފޮނުވާލުމަކީ އޭނާގެ އިންސާނީ ހައްގަށް އޮތް ނުރައްކަލެއް ކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.