ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރި މައްސަަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވެސް ވަޑައެއް ނުގަންނަވައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މައްސަލައިގެ ޝަރީއަތަށް ޑރ. ޖަމީލް ވަޑައި ނުގަންނެވި ނަމަވެސް ރައީސް ޔާމީންގެ ލީގަލް ޓީމުގެ ލީޑަރަކަށް ވެ ވަޑައިގަންނަވާނެ ކަން ޖަމީލު ހާމަ ކުރައްވާފައި ވެއެވެ. ނަމަވެސް، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައިގެ ތިން ވަނަ އަޑުއެހުން މިއަދު ފެށިފައި ވާއިރު، ވަކީލުންގެ ބެންޗުން ޑރ. ޖަމީލް މިއަދުވެސް ނުފެނެއެވެ.
ޑރ. ޖަމީލް ވަނީ ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ވެސް އެހީވެ ވަޑައިގަންނަވާނެ ކަމަށާ، ރައީސް ޔާމީނަކީ ވެސް އިންސާފު ލިބިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގެ ތިންވަނަ އަޑު އެހުމަކީ ދައުލަތުންނާއި، ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. މިއަދުގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މި ދެ އަޑުއެހުން ވެސް ޓީވީއިން ލައިވް ކޮށްފައި ވާއިރު، މިއަދުގެ ޝަރީއަތްވެސް ދަނީ ލައިވް ކުރަމުންނެވެ.