ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގެ ތިންވަނަ އަޑުއެހުން ފަށައިފިއެވެ. މި އަޑު އެހުމަކި ދައުލަތުންނާ، ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ. މިއަދުގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ދެވަނަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކެއް ކަމަށްވާ، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނެގުން މިއަދުވެސް ކުރިއަށް ދާނެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް ނަގާނީ ދެ ހެކިވެރިންގެ ދޭތެރޭގައި 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދީފައި ކަމަށް ވަނީ އެނގިފައެވެ. މިއަދުގެ ވެސް ފުރަތަމަ ހެއްކަކީ މުއައްވިޒެވެ. އަދި އަދީބާއި ޒިޔަތު ގެންނާނީ އޭގެ ފަހުން ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މުއައްވިޒުގެ ހެކި ބަސް ނަގާފައި ވީ ނަމަވެސް މިއަދުގެ އަޑުއެހުމުގައި އޭނާ ޝަރީއަތަށް ހާޒިރު ކުރަނީ، އޭސީސީން ތައްޔާރު ކޮށްފައި ވާ ބަޔާނަކާ ގުޅޭ ގޮތުން ހެކި ބަސް ނެގުމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ނުކުރެވުނީ ރައީސް ޔާމީނަށް އެ ބަޔާން ހަވާލު ކުރެވިފައި ނެތުމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މި ދެ އަޑުއެހުން ވެސް ޓީވީއިން ލައިވް ކޮށްފައި ވާއިރު، މިއަދުގެ ޝަރީއަތްވެސް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ފައިސާގެ ހިޔާނާތް ކަމަށް ވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެތައް ބަޔަކު ޝާމިލުވާކަމަށް ތަހުގީގު ރިޕޯޓުތަކުން ހާމަ ވި ނަމަވެސް، ޝަރީއަތް ހިނގަމުން ދަނީ ރައީސް ޔާމީނާ ގުޅޭ މައްސަލައިގެއެވެ. އެ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކުރަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ އެއް ފަރާތް ކަމުގައިވާ އެސްއޯއެފް ކުންފުނިން ރައީސް ޔާމީނުގެ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެވެ.

މިކަން ރައީސް ޔާމިން ދޮގުކުރައްވައެވެ. އަދި އެ ފައިސާ އަކީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ފައިސާގެ ތެރެއިން ބައެއް ކަަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިިވާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ. އަދި ދިފާއީ ހެއްކެއްގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމާއި، ކިތާބީ ހެކިތަކެއް ވަނީ ހުށަހަޅުއްވާފައެވެ.

ކަރުދާހުން ފެންނަން ހުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. މި ފައިސާ 155 ފަރާތަކަށް ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ވިދާޅުވޭ...