ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. މި އިސްލާހަށް މަޖިލީހުން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެންބަރުން ވޯޓު ދެއްވި އިރު ވަކިގޮތަކށް ވޯޓު ދެއްވުމަށް ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބިލުގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވިގެންދާނެއެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ ކަމަށް ޖުޑިޝަރީ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ފާސްވާ ހިސާބުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރާނެއެވެ. އަދި އެ މަގާމުގައި މިހާރު ހުންނެވި ނަޒީރުގެ މަގާމު ގެއްލޭނެއެވެ. މީގެ އިތުރުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.

މީގެ އިތުރުން ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފައެވެ.

މާޖިދަކީ ޖުޑިޝަލް އެކަޑަމީ އަށް އައްޔަން ކުރާ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ޖުޑިޝަލް އެކަޑަމީ ޑީޖޭއޭގެ ދަށަށް ބަދަލުވާނެތީ އެ އިސްލާހު ފާސްވުމާ އެކު، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެއެވެ.

ކޮމިޓީން ޖޭއެސްސީގެ ބިލަށް ހުށަހެޅި އެހެން ބަދަލުތަކުގެ ތެރޭގައި ޖޭއެސްސީގެ މެންބަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެ ކަމށް ބުނެފައިވެއެވެ. މިހާރު ގާނޫނުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ. ބިލް ހުށަހެޅި އިރު އޭގައި ބުނެފައިވަނީ މެންބަރެއްގެ އެންމެ ހަގު އުމުރަކީ 40 އަހަރެވެ.