ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންސްޕާ ޖެންޑާގެ ދަށަށް ބަދަލުކުރުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ. މި އިސްލާހު 65 މެންބަރުންގެ ވޯޓާއެކު މަޖިލީހަށް ބަލައިގަނެ، އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ފާސްކުރީ މިއަދު ވޯޓުގައި ބައިވެރިވެލެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހު ހުށަހެޅުއްވީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުން ކަމަށެވެ.

އެންސްޕާ މިހާރު ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ފާސްކުރި ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސް މި ބިލު ތަސްދީގު ކުރައްވާ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.