ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކެއުމަށް މަޖިލީހުން ކޮންމެ މަހަކު 3 ލައްކަ އެއްހާ ރުފިޔާ ހަރަދުކުރާކަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް މެންބަރުންގެ ކެއުމަށް މަޖިލީހުން ހަރަދުކުރާ މިންވަރު ހާމަކުރެއްވީ، އެ މައުލޫމާތު ހޯދުމަށް އެދި މަޖިލީހުގެ އިދާރާއަށް މީހަކު ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ސިޓީ ލިޔެފަ އޮތީ މައުލޫމާތު ލިބިގަތުމާއި އެނގުމުގެ ގާނޫނުގެ ތެރެއިން މައުލޫމާތު ލިބިގަތުމަށް ކަމަށެވެ. އަދި އެއާ އެކު އެ މަނިކުފާނު ވަނީ ބައްދަލުވުން ހިނގާ ކޮންމެ ދުވަހަށް މެންބަރެއްގެ ކެއުމަށް 159.88 ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންގެ ކެއުމަށް މި އަދަދު ހޭދަ ކުރާއިރު، އޭގެ ކޮންމެވެސް މިންވަރެއް މަޖިލިސް މުވައްޒަފުންނަށް ވެސް ލިބޭ ކަމަށެވެ. އަދި އެއީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ދެކޭ މެންބަރުންނާއި ރައްޔިތުންނަށް، އެކަން އެފަދައިން ފާހަގަ ވާނަމަ އެކަމަށް ބަދަލު ގެނެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލިސް ރައީސް ވަނީ، ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހެއް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވީ، ހުރިހާ ބޮޑުން އެކީގައި ސައިބުއިން ކަމަށް ވިދާޅުވެފައެވެ. އަދި 1932 އަހަރުން ފެށިގެން ސައިގެ ކަންތައް ގާނޫނުހަދާ މަޖިލީހުގައި ހިނގަމުން އައި ގޮތަކީ، އެއީ ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވަނީ ކުރީގެ މަޖިލީސް ރައީސަކަށް މިސާލު ޖައްސަވާފައެވެ. އެގޮތުން، ކުރީގެ މަޖިލިސް ރައީސް، އިބްރާހިމް ޝިހާބް އިންނަވާ މޭޒުކޮޅުގައި، އަދި އެހެން މެންބަރުންނާއި އެކުގައި އިންނަވާއިރުވެސް ސައިފޮދު ހިއްޕަވަމުން ގެންދަވާ ކަމަށާ، މަޖިލީހުގައި ބާއްވާ އެހެން ރަސްމިއްޔާތުތަކުގައި ވެސް ކެއުމާއި ސައި ސާވް ކޮށްދެމުން ގެންދާކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މެންބަރުންގެ ކެއުމަށް މަޖިލީހުން ހަރަދުކުރާ މިންވަރު ހާމަކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ، މެންބަރުންނަށް މަޖިލިސް އިދާރާއިން ހިލޭ ކެއުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އެ އިދާރާއިން ކުރާ ބޭކާރު ހަރަދެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.