ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.
ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރުގެ މަގާމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ތާއީދާ އެކު އައްޔަން ކުރާ މަގާމެކެވެ. އެމަގާމަށް މާޖިދު އައްޔަނު ކުރެވުނީ 2015 ވަނަ އަހަރު އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އިސްލާހަށް ކޮމެޓީ މަރުހަލާގައި ވަނީ ބައެއް މާއްދާތައް އިތުރުކޮށްފައެވެ. އެގޮތުން ހުށަހެޅި އެއް އިސްލާހަކީ ޖުޑީޝަލް އެކަޑަމީ އުވޭނެ ކަމަށް ބަޔާންކޮށްފައިވާ އިސްލާހެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި އެ އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހާ މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ.
ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ. މާޖިދަކީ ޖުޑިޝަލް އެކަޑަމީއަށް އައްޔަން ކުރާ މަގާމެއްގައި ހުރި ބޭފުޅެއް ކަމުން އެ އިސްލާހު ފާސްވުމާ އެކު މާޖިދުގެ މަގާމު ގެއްލޭނެ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިދާރީ އެންމެ އިސް ފަރާތަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އެ އިސްލާހު ފާސްވެ އަލުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެއެވެ. އެހެންކަމުން އެހާ ހިސާބުން މިހާރު ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މާގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމުވެސް ގެއްލޭނެ އެވެ. އަދި އެ އިސްލާހު ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި ޗީފް ޖުޑިޝަލް އެޑް މިނިސްޓްރޭޓަރަކަށް މީހަކު އައްޔަން ކުރުމުގެ ބާރު ބިލުން ދީފައިވަނީ ޖޭއެސްސީއަށެވެ.