މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މުހަންމަދު ޒާހިރު ހުސެއިން، އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

މި ދެ ބޭފުޅުންނަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މަގާމުގެ ފަތްކޮޅު ދެއްވާފައެެވެ. މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ޑރ. ޒާހިރަކީ މީގެކުރިންވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ކުރައްވައިފައިވާ ބޭފުޅެކެވެ. ޒާހިރަކީ މީގެކުރިން ގައުމީ ޔުނިވާސިޓީގެ ވެސް ޗާންސެލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ މީގެކުރިންވެސް ތައުލީމީ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމެސް ޒާހިރު ވަނީ އަދާކުރައްވާފައެވެ.

ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.

ޑރ. ހަސަން ހަމީދަކީ މީގެކުރިން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެ މަގާމުން އަމިއްލަފުޅަސް އިސްތިއުފާ ދެއްވީއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2015ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އިސްތިއުފާގެ ސިޓީގައި ވަކި އެއްޗެއް ހަމީދު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭރު އަޑު ފެތުރިގެން ދިޔައީ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހަށް ހަމީދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތް ވާހަކައެވެ.

ޑރ. ހަމީދު އެ މަގާމަށް އައްޔަން ކުރައްވާފައި މިވަނީ އެމަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒު ވަކި ކުރެއްވުމަށްފަހުއެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުން ފަވާޒު ވަކި ކުރެއްވުމާއި ގުޅިގެން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ޑރ. ފަވާޒަކީ ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޔޫ ކުރިއެރުމުގައި ޑރ. ފަވާޒުގެ ދައުރު ވަރަށް ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.