ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް މިއަދު ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ. މިއަދުގެ މަޖިލީސް ޖަލްސާއަށް ހާޒިރު މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 72 މެންބަރުންނެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ބަލައިގަތުމާއި އެކު، މި ބިލު އިތުރަށް ދިރާސާ ކުރުމަށް ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހަށް މި ބިލް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ހިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރު ކުރެވިފައިވާ ބިލެއް ކަމަށް މި ބިލް ހުށަހަޅަމުން ރައީސް އޮފީހުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބިދޭސީ އުޅަނދުފަހަރުގައި މަސްވެރިކަން ކުރުމުގެ ހުއްދަ އެކި ސަރުކާރު ތަކުން އެކި ދުވަސްވަރު ދެމުން އައިސްފައި ވުމަކީ މަސްވެރިންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށާ، ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ހާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.