ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ އިންޑިއާއާއި ޕާކިސްތާނަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ، ކަޝްމީރުގެ މައްސަލައާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ފޯނުން ގުޅުއްވާ، ވާހަކަފުޅު ދައްކަވަމުން ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑުކުރުމަށް އެ ދެގައުމަށް ޓްރަމްޕް ބާރު އަޅުއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާއާއި އެމެރިކާއާއި ދެމެދު މިހާރަށްވުރެ އިތުރަށް ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާ ބެހޭ ގޮތުންވެސް ދެގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަމަށާ، އަވަސް މުސްތަގުބަލެއްގައި ބައްދަލުކުރެއްވުމަށް ވެސް މޯދީއާއި ޓްރަމްޕް މަޝްވަރާކުރެއްވި ކަމަށްވެސް ޚަބަރު ލިބެއެވެ.