ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ދިރާގު ޕޭ މެދުވެރިކޮށް ރެަސްޓްރޭޝަން ފީ ދައްކާ ފަރާތްތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން ބުނީ ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދައްކާ ބައިވެރިންގެ ތެރެއިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނީ ފުރަތަމަ 1000 ދުވުންތެރިއަކަށް ކަމަށެވެ. މި ރޯޑް ރޭހުގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ޕޭގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފީ ދެއްކޭނެ ކަމަށް ދިރާގުން ބުނާއިރު، މި އަހަރުގެ ދިރާގު ރޯޑް ރޭސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.
ދިރާގު ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ކަނޑައާޅާފައި ވާއިރު، ދިރާގު ޕޭ އިން ފައިސާ ދައްކާ ނަމަ މިއަދަދު 50 ރުފިޔާއަށް ދަށްވެއެވެ. ރަޖިސްޓްރޭޝަން ފީގެ އިތުރުން ދުވުންތެރިންނަށް ޑޮނޭޝަން ދިނުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފައި ވާއިރު ޑޮނޭޝަންގެ ގޮތުގައި ލިބޭ ފައިސާ ހަދިޔާކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ތަކަށް ކަމަށް ދިރަގުން ބުނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން މިހާރު ފަށާފައިވާ އިރު މި އަހަރުގެ ރޭހުގައި ދެ ކެޓަގަރީއެއްގައި ދުވުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރެވެ. 10 ކިލޯ މީޓަރުގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައެވެ. އަދި 5 ކިލޯ މީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ. 10 ކިލޯ މީޓަރުގެ ރޭސް ނިންމުމަށް ފަހު އަލުން 5 ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ރޯޑް ރޭސް ބާއްވާތާ މިހާރު 13 އަހަރު ވެފައިވާއިރު، ބައިނަލްއަގުވާމީ ގޮތުން އެކްރިޑޭޓް ކޮށްފައިވާ މި ދުވުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވީ 2007 ވަނަ އަހަރެވެ.