ނިމިދިޔަ އީދު ބަންދުގައި ހަމައެކަނި މާލެއިން ވައްކަމުގެ 69 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށް ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އީދު ބަންދަށް ލިބުނު 10 ދުވަހުގެ ޗުއްޓީގައި ޖުމްލަ 220 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، މީގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓް އަދި އެއްޗެހި ގެއްލުމުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަމުގެ 69 މައްސަލަ، އެކްސިޑެންޓް ވެގެން ރިޕޯޓް ކޮށްފައިވާ 40 މައްސަލަ އަދި އެއްޗެހި ގެއްލިގެން 23 މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެއެވެ.
ނިމިދިޔަ އީދު ބަންދުގައި ގަޔަށް އަތްލުމުގެ ހަތް މައްސަލަ، ގެވެށި އަނިޔާގެ ދެ މައްސަލަ ޖިންސީ ފުރައްސާރާއިގެ ދެ މައްސަލަ އަދި ފޮށުމުގެ ދެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ފަސް މައްސަލަ، އިންޓަނެޓްގެ ޒަރިއްޔާއިން ކުށް ކުރުމުގެ އެއް މައްސަލަ، މަސްތުވާތަކެތީގެ ހަތް މައްސަލައިގެ އިތުރުން ހިޔަނާތުގެ ހަތަރު މައްސަލަ ވެސް ފުލުހުންގެ ތަފާސްހިސާބުގައި ހިމެނެއެވެ.
ވައްކަމުގެ 69 މައްސަލަ ހުށަހަޅާފައި ވާއިރު، ފޭރުމުގެ 13 މައްސަލަ އަދި ޓްރެފިކް އެކްސިޑެންޓްގެ 40 މައްސަލައިގެ އިތުރުން ކަނޑުމަތީގައި ހިނގިި ފަސް އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވެއެވެ. މީގެ އިތުރުން ފުލުހުންނަށް ވަނީ އިތުރު 26 މައްސަލައެއް ހުށަހަޅާފައެވެ.
އީދު ބަންދުގައި 220 މައްސަލަ ފުލުހުން ބަލާފައި ވާއިރު، މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ފުލުހުން ބަލާފައި ވަނީ ހައްޖު ދުވަހެވެ. ހައްޖު ދުވަހު 36 މައްސަލަ ފުލުހުން ބަލާފައި ވާއިރު، އީދު ދުވަހު 24 މައްސަލަ އަދި ވަޅު އީދުގެ ތިނަ ދުވަހު ފުލުހުން ވަނީ 55 މައްސަލަ ބަލާފައެވެ. މީގެ އިތުރުން ފުލުހުންނަށް ހުށަހަޅާ ފައިވާ 82 މައްސަލަ ފުލުހުން ބަލާފައި ވަނީ އީދު ބަންދާ ދިމާކޮށް ލިބުނު ހަފްތާ ބަންދާއި، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ދުވަހެވެ.