1440 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން ނިމި ހަފުތާއެއްހާ ދުވަސް ވީއިރު ވެސް ސޯޝަލް މީޑިއާގެ އެކި ނެޓްވާކުތަކުގައި ވައިރަލް ވަމުންދާ އެއް މަންޒަރަކީ ސައުދީ އަރަބިއްޔާގެ ސެކިއުރިޓީ ގާޑަކު، އުމުރުން ދުވަސްވީ ހައްޖާޖީއެއް އަތްދަނޑި މައްޗަށް ލައިގެން ހުރެ ކުރިޔަށް ދާ މަންޒަރު ދައްކުވާ ދޭ ފޮޓޯތަކާ ވީޑިއޯ ތަކެކެވެ. މި މަންޒަރުން އެންމެ ބޮޑަށް ސަމާލުކަން ދަމައިގަންނަނީ ސެކިއުރިޓީ ގާޑަކަށް ހުރި ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްގައިމު ހިނިތުން ވުމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

އެ ސެކިއުރިޓީ ގާޑަށް މީޑިއާގެ ސަމާލުކަން ހުއްޓުމާއެކު، އެ ފޮޓޯތަކުގެ ފަހަތުގައި އޮތް ހިތްގައިމު ވާހަކަތައް ވެސް އޭނާ މިހާރު ވަނީ ހިއްސާ ކޮށްފައެވެ. މި ސެކިއުރިޓީ ގާޑަކީ މާޖިދު އަލް-ހަކާމީއެވެ. އޭނާއަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ދިމާކޮށް ސައުދީއިން ރުކުރުވާލި އެތައް ހާސް އަސްކަރީ އޮފިސަރުންނާ ޕްރައިވެޓުންގެ ތެރެއިން މެމްބަރެކެވެ. އޭނާގެވެސް ޒިންމާ އަކަށްވީ ޙައްޖުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދީ، ލުއިފަސޭހަ ކަމާ އެކު ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

"އެއީ ޢަރަފާތު ދުވަސް. ވަރަށް ދުރުން އަހަރެންގެ ސަމާލުކަން ދަމައިގަތީ ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅުނު ދޮށީ އުމުރުގެ ޙައްޖާޖީއެއް. އޭނާ އިށީނދެލާނެ. ތެދުވެލާނެ. ދެން އަހަރެން އޭނާ ގާތަށް ދިޔައީ. އަދި އެއްވެސް ކަމެއްގެ ޝަކުވާއެއް ކުރަނީތޯ އަހާލިން. ތަނަކަށް ތަދުވަނީތޯވެސް އަހާލިން. އޭނާ ޖަވާބު ދިނީ އުރުދޫ ބަހުން. އޭނާ ކީއެއްޗެއް އަހަރެންނަށް އެއްގޮތަކަށް ވެސް ފަހުމެއް ނުވި. އެކަމަކު އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އަޑު އަހަރެންނަށް އިވުނު. ދެން އަހަރެން އޭނާއަށް ފެންފޮދެއް ދިނިން. އަދި ފިނި ފެންފޮދަކުން، އޭނާގެ ބޯ ތެންމާލަ ދިނިން"، އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު މަންޒަރުގެ ފެށުން އައި ގޮތް ކިޔައި ދެމުން އަލް-ހަކާމީ ބުންޏެވެ.

އަލް-ހަކާމީގެ އަތްދަނޑިމަތީގައި އޮތް ހައްޖާޖީގެ ފަޔަށް ތޫނު އެއްޗެއް ހެރިފައި ހުރިތޯވެސް އޭނާ ބެލިއެވެ. އެ ހިސާބުން އަލް-ހަކާމީއަށް ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އެ ހައްޖާޖީގެ ފައިގައި އެއްވެސް ހަކަތައެއް ނެތްކަމެވެ. އެ މީހާގެ ފައި އޭރުވެސް ތުރުތުރު ލައެވެ.

"އެ ދެފައިމަތީގައި އޭނާ އުފުލާނެ އިތުރު ވަރެއް ނެތް. އޭނާ ބިންމައްޗަށް ވެއްޓިދާނެ ކަމުގެ ބިރު އަހަރެންނަށް އިހުސާސްވި. އެއީ އަހަރެންގެ ބައްޕަ ކަމުގައި އަހަރެން ގަބޫލު ކުރިން. އެހާ ހިސާބުން އަހަރެން މުއާމަލާތް ކުރަން ފެށީ އިޝާރާތުގެ ބަހުން. އަދި ބިރު ނުގަތުމަށާ، އޭނާއާއެކުގައި އަބަދުވެސް ހުންނާނެ ކަމަށް ބުނިން" އަލް-ހަކާމީ ކިޔާދިނެވެ.

ހައްޖާޖީއާ އެކު އަލް-ހަކާމީ ތަންކޮޅަކަށް ހިނގިއެވެ. އެކަމަކު ހައްޖުވެރިޔާއަށް ހިނގެނީ ވަރަށް މަޑުންނެވެ. ނަމަވެސް މާދުރަކަށް ނުހިނގެއެވެ.

"އަހަރެންގެ އަތްދަނޑިމައްޗަށް އޭނާ ނެގިން. އެހާ ހިސާބުން އޭނާވެސް އަހަރެންނާ މުއާމާލާތު ކުރަން ފެށި. އެއީ އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ޝުކުރުން ފުރިގެން ވި ފަދަ އިހުސާސް ތަކަކުން. އޭނާ އަހަރެންނަށް ހެޔޮ ދުއާ ކޮށްދެމުން ދިޔަ ފަދަ އިހުސާސް ތަކެއް ކުރެވުނު. އެހުރިހާ ވަގުތަކުވެސް އަހަރެން ހުރީ ހިނިތުން ވެލައިގެން. އެއީ ފަހަރެއްގައިވެސް އަހަރެންނަށް ބުރަ ތަކުލީފެއް ޖެހިފައި އޮތް ކަމަށް އޭނާއަށް ހީވިޔަ ނުދީ، އެފަދަ އިހުސާސްއެއް ކުރުވިޔަ ނުދޭން ވެގެން. އަހަރެން އެދެމުން ދިޔައީ މާތް ﷲގެ ހަޟްރަތުން ސަވާބާ ދަރުމަ" އަލް-ހަކާމީގެ ހައިރާން ކުރުވަނިވި ފޮޓޯތަކުން ފެންނަ މަންޒަރު ތަފްސީލު ކޮށްދިނެވެ.

"އޭނާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން، ކަކުލުގައި ވޭން އަޅަމުން ދިޔަ މީހެއް. އޭނާއަށް މާ ދުރަކަށް ނުހިނގޭ. އެހެންވެ އަތްދަނޑިމަތީގައި އަހަރެން އޭނާ ޢަރަފާތުން ރޭލު ސްޓޭޝަނަށް ގެންގޮސް ދިނިން. އޭނާއާއެކު ވަގުތު ކޮޅަކު މަޑުވެސް ކޮށްލިން. އެއަށް ފަހު އަނެއްކާވެސް އަތްދަނޑިމަތީގައި މުޒްދަލިފާއަށް ގެންގޮސް ދިނިން. އެރޭ އޭނާ މަޑުކުރީ އެތަނުގަ. ދެން އަހަރެން އަމިއްލައަށް އޭނާ ކޭމްޕަށް ގެންގޮސް ދިނިން. އޭރު އޭނާ ދިޔައީ އަހަރެންގެ ބޮލުގައި ބޮސްދެމުން. އޭނާގެ ލޮލުން ކަރުނަތައް އޮހެރެމުން ދިޔަ. އޭނާއަށް އަޅާލާނެ ބަޔަކު ވަންދެން އަހަރެން އޭނާ ގާތު މަޑުވެސް ކުރިން" ވައިރަލްވި މަންޒަރު ތަކުން ނުފެންނަ ވާހަކަތައް ހިއްސާ ކުރަމުން އަލް-ހަކާމީ ކިޔާދިނެވެ.

މިހާ ހިސާބަށް ވާހަކަ ދިއުމާއެކު އޭނާ އިރުކޮޅަކަށް ހިމޭން ވިއެވެ. އަދި ޢަރަފާތު ދުވަސް ފަދަ މާތް ދުވަހެއްގައި، އެތައް ހާސް މީހުންނެއްގެ ތެރެއިން، އުމުރުން ދުވަސްވީ މީހާއަށް އެހީތެރި ވުމަށް މާތް ﷲ، އޭނާއަށް މަގުދެއްކެވި ކަމުގެ އިހުސާސް ކުރެވޭ ކަމަށް އަލް-ހަކާމީ ބުންޏެވެ.

އަލް-ހަކާމީ ބުނާ ގޮތުގައި އެދުވަހު އެތަނުގައި ހުރި ކޮންމެ ގާޑަކުވެސް ކަން ކުރާނީ ހަމަ އޭނާ ކަންކުރި ގޮތަށެވެ. އޭނާ ބުނި ގޮތުގައި، މިހާރު ވައިރަލް ވަމުންދާ މަންޒަރުތައް ކެމެރާއަށް އަރަމުން ދިޔަ ކަމުގެ އިހުސާސެއް އެވަގުތަކު އެއްގޮތަކަށް ވެސް ނުކުރެވެއެވެ. މިއަދު މުޅި ދުނިޔެ ދަނީ އަލް-ހަކާމީގެ ވާހަކަ ދައްކަމުންނެވެ. އޭނާއަށް ހެޔޮ ދުއާ ކޮށްދެމުންނެވެ.