މަސްވެރިކަމުގެ ބިލް ފެންނަނީ ރައްޔިތުންގެ މަޖިލީހަށާއި، ދިވެހި މަސްވެރިންނަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރި މަލާމާތެއްގެ ގޮތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ބިލަކީ މަލާމާތެއް ކަމަށް ވިދާޅުވަނީ، 30 ގަޑިއިރަށްވުރެ ގިނަ ގަޑިއިރު މަސްވެރިކަމުގެ ގަރާރުތަކަށް ހޭދަކޮށް ނިމުނީމައި، މަސްވެރިކަމުގެ ބިލެކޭ ކިޔާފަ ރައީސް މައުމޫނުގެ ޒަމާނުގައި އެމަނިކުފާނު ޑްރާފްޓް ކުރެއްވި ބިލެއް ލިބި ވަޑައިގެންނެވުމުން ކަމަށެވެ. އަދި މި ބިލުގެ ފްރޭމް ވޯކަކީ ޒަމާނަށްނުފެތޭ އައުޓް ޑޭޓެޑް ފްރޭމްވޯކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެއްވެސް މެންބަރަކު މި ބިލް ވިދާޅުނުވާ ކަމަށް ތުހުމަތު ކުރައްވަމުން ޝިޔާމް ވަނީ މި ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ފާހަގަ ކުރެއްވި ނުކުތާއަކަށް އަލި އަޅުއްވާ ލައްވާފައެވެ. އެގޮތުން، އެ މެންބަރުން ވަނީ މި ބިލުގެ އެންމެ މުހިންމު މަގްސަދު މިބިލުގައި ލިޔެފައި ނެތް ކަން ފާހަގަ ކުރައްވާފައެވެ.
ޝިޔާމް ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ދާން ވީމަ ނުވަތަ އާއިލީ މީހަކަށް ވަޒީފާ ހަމަޖައްސަން ވީމަ ގާނޫނެއް ބޭނުން ނުވާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް، މަސްވެރިންނަށް ކަމެއް ކޮށްދޭންވީމައި ގާނޫނު ހަދަން ޖެހޭ ކަމަށާ، ގާނޫނު ހެދުމަކުން މަސްވެރިންނަށް ވާ ފައިދާ އެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންގެ ބިލަށް އިތުރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންގެ އުޅަނދު ފަހަރަށް އަޅާ ޑީސަލް އިން ޑިއުޓީ ކަނޑާލިތާ މިހާރު އެއް އަހަރު ވެއްޖެ ކަމަށާ، ނަމަވެސް ޑިއުޓީ ކަނޑާލާއިގެން މަސްވެރިންނަށް ކުރި ރާހަތެއް ނުވަތަ މަސްވެރިންނަށް ޑީސަލުން ހެޔޮވި އަގެއް ނެތް ކަމަށެވެ.