ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޓީޗަރުން މަސައްކަތް ކުރަން ނުޖެހޭ ގޮތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސަރުުކާރު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައިވާ ގޮތުން، ސަރުކާރުން ކަނޑައަޅައި، ކަލަންޑަރު ކޮށްފައިވާ އާންމު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެންމެހާ އިދާރާތަކާއި، ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތަށް ނެރުން ހުއްޓާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، ބަންދު ދުވަސްތަކުގައި މަސައްކަތަށް ނިކުންނަން ނުޖެހުނަސް، ގައުމީ މުނާސަބަތެއް ފާހަގަކުރުމަށްޓަކައި އެ އިދާރާއަކަށް ނުވަތަ ވަކި ސްކޫލަކަށް މަސައްކަތެއް މަތިކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދައާއެކު ނެރުން އިސްތިސްނާވެގެން ވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސޮއިކުރައްވާ ނެރުނު މި ސާކިއުލާއާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން، ގާނޫނީ ވަކީލު އާދަމް ޝަމީމް ވަނީ، އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން ނިންމީ ސަރުކާރުގެ ބަޖެޓް ނެތުމުން ކަމަށް ތުހުމަތު ކުރައްވާފައެވެ. ޝަމީމް ވިދާޅުވީ، އެޑިއުކެޝަނުން މި ނިންމުމް ނިންމީ، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭން ދަތިވުމުން ކަމަށެވެ.

އިތުރު ގަޑީގައި ސްކޫލްގެ މަސައްކަތުގައި ޝާމިލްވެ އުޅެން ޖެހުމާ މެދު ގިނަ ޓީޗަރުން ޝަކުވާ ކުރެއެވެ. އަދި ޓީޗަރުން ކުރާ މަސައްކަތަށް ބަލާއިރު، ލިބޭ މުސާރަ ކުޑަކަމަށް ބުނެ ވެސް ބައެއް ޓީޗަރުން ޝަކުވާ ކުރެއެވެ.